ޔޫތުމިނިސްޓްރީގެ އެހީގައި ޓޭޑުން ތިނަދުގައި ބާބެކިއު އޭރިއާއެއް ތަރައްޤީ ކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
ޔޫތުު މިނިސްޓްރީން އިޖުތިމާއީ ގޮތުން މުޖުތަމަޢު ބާރުވެރިކުރުމަށް މަދަނީ ޖަމްޢިްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 13 ޖަނަވަރީ 2021 ގައި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވުނެވެ މިގޮތުން ޖެނެރަލް ޕްރޮޖެކްޓް ގްރާންޓް އާއި ސްމޯލް ޕްރޮޖެކްޓް ގްރާންޓަށް ފުރުޞަތު ހުޅުވާލެވުނެވެ.
މިފުރުޞަތުގެ ބޭނުން ހިފައި، ތިނަދޫއަށް ނިސްބަތްވާ ވަރަށް ހަރަކާތްތެރި ޖަމްޢިއްޔާއެއް ކަމުގައިވާ، ޓޭޑްގެ ފަރާތުން ތިނަދޫގެ ރައްޔިތުންނަށް ބޭނުންވާ މުހިންމު ކަންތައްތައް ބަލައިމަޝްވަރާކޮށް، ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކޮށް ހާއްސަކޮށް އޮފީސްތަކާއި ޒުވާނުންނަށް އެކުވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލާނެ ތަނެއް ތިނަދޫގައި ނެތުމުގެ ސަބަބުން ބާބެކިއު ހަދާނެ ހިތަފަސޭހަ ތަނެއް ހުރުން މުހިންމު ކަމަށް، ފެންނާތީ، ޔޫތު މިނިސްޓްރީ ހުޅުވާލި ފުރުޞަތުގެ ބޭނުން ހިފައި، ތިނަދޫ ރައްޔިތުންނަށް ޒަމާނީ ފެންވަރެއްގެ ބާބެކިއު ހަދާނެ ތަނެއް ތަރައްޤީކުރުމަށް ސްމޯލް ގްރާންޓް ޕްރޮޖެކްޓަށް ޕްރޮޕޯސަލެއް ތައްޔާރުކޮށް ހުށަހެޅިއެވެ.
ޓޭޑް ޖަމްޢިއްޔާގެ ނާއިބް ރައީސް، އަހުމަދު ޝިޔާޒް ނަޢީމް، ހުވަދޫ ނޫހަށް މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ޓޭޑުން ތައްޔާރު ކުރި ޕްރޮޕޯސަލްގައި ހިމެނިފައިވާ ބާބެކިއު އޭރިޔާ ވެގެންދާނީ ވަރަށް ހިތްގައިމު، ފުރިހަމަ ސަރަޙައްދެއްގެ ގޮތުގައެވެ. ޝިޔާޒް މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ބާބެކިއު ސަރަހައްދު ތަރައްޤީކުރުމަށް ނިންމާފައިވަނީ އެއްފަހަރާ 4 ގްރޫޕަކަށް ބޭނުން ކުރެވޭ ގޮތަށް 4 ގްރިލް ތައްޔާރުކޮށް ބީޗް ބެންޗް ތަކެއް ހިމަނައިގެންނެވެ. އަދި މިތަނަކީ ގިނަ ދުވަހަށް ބޭނުންކުރެވޭނެ ތަނަކަށް ހެދުމަށްޓަކައި ގްރިލް އާއި ބެންޗް ހަދަން ނިންމާފައިވަނީ ކޮންކްރީޓުންނެވެ.
ޝިޔާޒު ބުނެފައިވާ ގޮތުގައި، ބާބެކިއު އޭރިއާގެ ޕްރޮޕޯސަލް ހުށަހަޅާފައިވަނީ، އެފަދަތަނެއް ހެދުމަށް ކައުންސިލްގެ ހުއްދަ އާއެކީގައި ކަމަށެވެ.
މިމަމަހުގެ 8 ވަނަ ދުވަހުގައި ބާބެކިއު އޭރިއާ ތައްޔާރުކުރުމަށް ޔޫތު މިނިސްޓްރީއާއި ޓޭޑް އާއި ދެމެދު ވަނީ އެއް ބަސްވުމެއްގައި ސޮއިކުރެވިފައެވެ. މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޓޭޑްގެ ފަރާތުން އެޖަމްޢިއްޔާގެ އެއް ނައިބް ރައީސް ކަމުގައިވާ އަހުމަދު ޝިޔާޒް ނައީމެވެ.
އިއްޔެ، 11 އޮގަސްޓްގައި މި ގްރާންޓް ހަވާލުކުރުމުގެ ރަސްމިއްޔާތު ބޭއްވިފައިވާއިރު، ޓޭޑްގެ ފަރާތުން މިރަސްމިއްޔާތުގައި ބައިވެރިވެފައިވަނީ، ނައިބްރައީސް އަހުމަދު ޝިޔާޒު ނަޢީމެވެ.
ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން 15 ފަރާތަކަށް ގްރާންޓް ލިބިފައިވާއިރު، ތިނަދޫއިން ގްރާންޓް ލިބިފައިވަނީ ޓޭޑް އިން ހުށަހެޅި ޕްރޮޕޯސަލަށް އެކަންޏެވެ.
މިނިސްޓްރިއާއި ކައުންސިލުން ލިބެންޖެހޭ ހުއްދަތަކާއި ލިޔުންތައް ލިބުނުހާ އަވަހަކަށް ބާބެކިއު އޭރިޔާގެ އަމަލީ މަސައްކަތް ފެށިގެން ދާނެކަމުގައި އެވެ. އެ ޖަމްޢިއްޔާގެ ނާއިބްރައީސް މަޢުލޫމާތު ދެއްވައެވެ. އަދި ޓޭޑްގެ މިކާމިޔާބީގައި ނިމިދިޔަ ކައުންސިލާއި މިހާރުގެ ކައުންސިލުން ވެދެއްވި އެހީތެރިކަމާއި އެއްބާރުން ފާހަޤަކޮށް އެފަރާތްތަކަށް ޝުކުރުއަދާ ކުރެއެވެ. މިއަދުގެ ސަރުކާރުން ޖަމްޢިްޔާ ޖަމާއަތްތަކަށް ޙާއްސަ ސަމާލުކަމެއް ބަހައްޓަވައި މިފަދަ ފުރުސަތުތަށް ހުޅުވައިދެއްވާތީ، އަދުގެ ސަރުކާރާއި ޔޫތްމިނިސްްޓްރީއަށް ޓޭޑްގެ ފަރާތުން ޙާއްސަ ޝުކުރެއް އަދާކުރެއެވެ.