ކޯޓުގެ ހުރުމަތް ކަނޑާލުމާއި ގުޅިގެން އަލީ ވަހީދުގެ މައްޗަށް ކުރެވުނު 2 މަހާއި 12 ދުވަހުގެ ޙުކުމް ތަންފީޒު ކުރުމަށް އޭނާ ހާޒިރު ކުރާއިރު ފުލުހުންގެ އެހީއަށް އެދޭނެކަމަށް މޯލްޑިވްސް ކަރެކްޝަންސް އިން ވިދާޅުވެއްޖެ އެވެ.
ކަރެކްޝަންސް އިން ވިދާޅުވާގޮތުގައި މި މައްސަލާގައި ހުކުމްކޮށްފައިވާ ފަރާތަކީ މިވަގުތު ރިމާންޑުގައި ނެތް ފަރާތެއްކަމުން ހުކުމް ތަންފީޒު ކުރުމަށް އޭނާ ކަރެކްޝަންގެ ބެލުމުގެ ދަށަށް ގެނައުމުގައި ފުލުންގެ އެހީތެރިކަމަށް އެދޭނެ ކަމަށާއި ކޯޓު އަމުރު ތަންފީޒު ކުރުމުގެ މަސައްކަތް މިހާރު ކުރިޔަށް ގެންދާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލާގައި އަލީ ވަހީދު ޕާސްޕޯޓު ހިފެހެއްޓިފައި ވީނަމަވެސް އޭނާގެ ޕާސްޕޯޓް ބޭސްފަރުވާއަށް ކްރިމިނަލް ކޯޓުން ދޫކޮށްލުމާއިއެކު އޭނާ ވަނީ ރާއްޖެ ދޫކޮށް ފުރާފައެވެ. އޭގެ ފަހުން އޭނާ ރާއްޖެ އެބުރި އައިސްފައި ނުވިނަމަވެސް އިނގިރޭސްވިލާތުގައި ހުރެގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކޯޓުގެ އަޑުއެހުންތަކުގައި ބައިވެރިވެފައިވެއެވެ.
އަލީ ވަހީދުގެ މައްޗަށް 2 މަހުގެ ޖަލު ހުކުމެއް އިއްވުމާއެކު ގިނަ ބަޔަކު ވަނީ އެ ހުކުމް ތަންފީޒު ކުރުމަށް އަލީ ވަހީދު ރާއްޖެ ގެނެވޭނެ ކަމާމެދު ސުވާލު އުފައްދާފައެވެ.