ޚަބަރު
ނަޑެއްލާ ސްކޫލްގައި އަންނަ އާދީއްތަ ދުވަހު ކިޔެވުން ފަށަނީ
1 މަސް ދުވަހުގެ މޮނިޓަރިންގ ގައި އޮތް ގދ.ނަޑެއްލާގެ މޮނީޓަރިންގ އުވާލުމުން ނަޑެއްލާ ސްކޫލްގައި އަންނަ އާދީއްތަ ދުވަހު ކިޔެވުން ފަށާނެ ކަމުގައި އެ ރަށު ކައުންސިލްގެ ރައީސް މުޙައްމަދު އަންޝާއު ވިދާޅުވެއްޖެއެވެ.
މިއަދު މޮނިޓަރިންގ އުވާލުމާއި ގުޅިގެން ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ރައީސް އަންޝާއު ވިދާޅުވީ މިދިޔަ މަހުގެ 13 ވަނަ ދުވަހުން ފެށިގެން އެރަށް މޮނިޓަރިންގއަށް ލުމާއި އެކު އެންމެ އެންމެ ކަންބޮޑުވި އެއްކަމަކީ މިސްކިތުގައި ނަމާދު ކުރުމާއި ސްކޫލް ގެ ކިޔެވުން ކަމަށާއި ނަމަވެސް މިހާރު އެ ޙާލަތު ނިމިގެން ދިޔުމުން އަންނަ އާދީއްތަ ދުވަހުން ފެށިގެން ސްކޫލްގައި ކިޔެވުން އަދި މިއަދުގެ އަސްރުން ފެށިގެން ޖަމާއަތުގައި ނަމާދު ކުރަން ފަށާނެކަމަށެވެ.
ރައީސް އަންޝާއު އިތުރަށް ވިދާޅުވީ އަންނަ އާދީއްތަ ދުވަހު ނަޑެއްލާ ސްކޫލް ގެ ކިޔެވުން ފެށުމުގައި ވަކި ދަތި ކަމެއް ނެތް ކަމަށާއި ސްކޫލްގެ ވެރިންނާއި މުދައްރިސުން ދަނީ ކިޔަވައި ދިނުމާއި އެހެނިހެން ކަންކަމަށް ތައްޔާރު ވަމުން ކަމަށެވެ.
ނަޑެއްލާ ސްކޫލް ގެ ޕްރިންސިޕަލް ހުސައިން ޖަވީދު ވިދާޅުވީ ސްކޫލަށް ދަރިވަރުން ނުކުމެ ކިޔަވައި ދޭން ފަށާއިރު ބައެއް ދަރިވަރުން ކަރަންޓީން ގައި އެބަ ތިބި ކަމަށާއި ނަމަވެސް ކުރިންއެކޭ ވެސް އެފަދައިން ކިޔެވުން ކުރިޔަށް ގެންދަން ތައްޔާރު ވަމުން ދާ ވަރަކަށެވެ. އަދި ދިރާސީ އާއަހަރުގެ ކިޔެވުން ފެށުމާއި އެކު އޮންލައިންކޮށް ކްލާސްތައް ކުރިޔަށް ގެންދިޔަ ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.
ނަޑެއްލާ އާންމު ޙާލަތަށް މިއަދު ގެނެސްފައި ވީ ނަމަވެސް 42 ގެ ވަނީ ކަރަންޓީން ކުރެވިފައިއެވެ. އަދި 14 ފަރާތެއް ކޮވިޑް-19 ޕޮޒިޓިވް ކޭސްތަކެއްގެ ގޮތުގައި އެބަތިއްބެވެ. ނަޑެއްލާ ކައުންސިލްގެ ރައީސް މުހައްމަދު އަނާޝާއު ވިދާޅުވީ ރަށް މޮނީޓަރިންގ ނެގި ކަމުގައި ވިޔަސް ރައްޔިތުން ތިބެން ޖެހެނީ ރައްކާތެރި ކަމުގެ ފިޔަވަޅު ތަކުގައި ކަމަށާއި އެގޮތުން މޮނިޓަރިންގ ހާލަތުގައި މަސައްކަތް ކުރަމުން ދިޔަ ފުލުހުން ވެސް އިތުރު ހަފްތާ އެއް ވަންދެން ރަށުގައި މަޑުކޮށް ރަށުތެރެ ބަލަމުން ގެންދާނެކަމަށެވެ.