ދިވެހި ޕްރިމިއަރ ލީގުގެ ލޯގޯ ފަރުމާކޮށްގެން ފައިސާގެ ބޮޑު އިނާމެއް ހޯދުމުގެ ފުރުސަތު ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހުޅުވާލައިފިއެވެ.
ދިވެހި ޕްރިމިއަރ ލީގަކީ ރާއްޖޭގައި ކުރިޔަށް ގެންދެވޭ ފުޓްބޯޅައިގެ އެންމެ ވާދަވެރި މުބާރާތެވެ.
އެފްއޭއެމް އިން ބުދަ ދުވަހު ބުނީ ދިވެހި ޕްރިމިއަރ ލީގު ފަރުމާކުރުމުގެ ފުރުސަތު އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށާއި، ލޯގޯ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެއިދާރާ އިން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރެއަށް ފެތޭ އަދި އެންމެ ރަނގަޅު ލޯގޯއަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ ކަމަށެވެ.
މިއީ މުބާރާތެއްގެ ލޯގޯ ފަރުމާކުރަން އާންމުންނަށް މިހާ ބޮޑު އިނާމަކާއެކު ހުޅުވާލެވޭ ފުރުތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އެފްއޭއެމުން މައުލޫމާތުދޭ ގޮތުން ލޯގޯ ފަރުމާކުރުމުގެ މުބާރާތް ކުރިއަށްދާނީ އަންނަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ލޯގޯ ފަރުމާކުރުމުގެ މުބާރާތުން ހޮވޭ ފަރާތަކާއިއެކު އެފްއޭއެމުން އެއްބަސްވުމެއް ހަދާއިރު މި އެއްބަސްވުމުގެ ދަށުން ލޯގޯގެ ކޮޕީރައިޓްސް އެފްއޭއެމަށް ލިބޭ ގޮތަށް ސޮއިކުރެވޭނެއެވެ.
ދިވެހި ޕްރިމިއާ ލީގުގެ ލޯގޯ ފަރުމާކުރުމުގެ ފުރުސަތު ހުޅުވާލިއިރު، ފުރަތަމަ ޑިވިޝަނުގެ ނަން ދިވެހި ޕްރިމިއާ ލީގުގެ ނަަމަށް ރީބްރޭންޑް ކޮށް، މިހާރު ބޭނުންކުރަމުން އަންނަ ލޯގޯ ދައްކާލީ 2015 ވަނަ އަހަރުއެވެ. ފުރަތަމަ ދެ އަހަރު އުރީދޫން ލީގު ސްޕޮންސާކުރުމާއެކު ބޭނުންކުރި ނަމަކީ އުރީދޫ ދިވެހި ޕްރިމިއާ ލީގެވެ. އެކަމަކު 2018 ވަނަ އަހަރު ދިރާގުން ލީގުގެ ސްޕޮންސާ ނެގުމާއެކު، މިހާތަނަށް ބޭނުންކުރަމުން އަންނަ ނަމަކީ ދިރާގު ދިވެހި ޕްރިމިއާ ލީގެވެ.