ޚަބަރު
މޮނިޓަރިންގައި އޮތް ރަށްތަކުގެ އަދަދު 9 އަކަށް!

ކޯވިޑް-19އާއި ގުޅިގެން މޮނިޓަރިންގެ ޙާލަތަށް ގެނެސްފައިވާ ރަށްތަކުގެ ޢަދަދު 9 އަކަށް ތިރިވެއްޖެއެވެ.

މޮނިޓަރިންގެ ޙާލަތަށް ރަށެއް ލަނީ އެރަށަކުން ކޯވިޑްގެ ކޭސް ފެނި، ކޮންޓްރެކްޓް ޓްރޭސިން ހެދުމަށެވެ. އަދި މުޖުތަމަޢުގެ ތެރޭގައި ބަލި އުޅޭކަމަށް ފެނިއްޖެނަމަ އެރަށެއްގެ މޮނިޓަރިންގެ ޙާލަތު އުވާލަނީ، އެޗްޕީއޭއިން ކަނޑައަޅާ ވަކި ޢަދަދަށް ރެންޑަމް ސާމްޕަލް ނަގައި، ހުރިހާ ސާމްޕަލެއް ނެގެޓިވް ވުމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ ގެ ހިސާބުތައް ދައްކާގޮތުން މިވަގުތު މޮނިޓަރިންގައި އޮތް 9 ރަށަކީ

ރ.ދުވާފަރު

ކ.ކާށިދޫ

މ.ކޮޅުފުށި

ށ.ފީވަށް

ހއ.ތަކަންދޫ

ދ.ކުޑަހުވަދޫ

ލ.ފޮނަދޫ

އއ.ހިމަންދޫ

ތ.ހިރިލަންދޫ

މީގެ ތެރެއިން އެންމެ ގިނަ ދުވަހު މޮނިޓަރިންގައި މިހާރު އޮތީ ރ.ދުވާފަރެވެ. އެރަށް މޮނިޓަރިންއަށް ލާފައިވަނީ މެއި 25ގައެވެ.

ރާއްޖޭގައި ކޯވިޑްގެ ޙާލަތު ރަނގަޅުވެ، ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. އެގޮތުން މިވަގުތު 9 ރަށެއް މޮނިޓަރުންގެ ޙާލަތުގައި އޮތްނަމަވެސް، ކޯވިޑްގެ ޙާލަތު ގޯސްވެ މެއި މަހުގެ ތެރޭގައި އެ ޢަދަދު 70އިން މައްޗަށްވެސް އެރިއެވެ. އަދި ކޯވިޑްގެ ޙާލަތު ގިނަ ރަށްތަކެއްގައި ގޯސްވުމާއެކު ރައްކާތެރިވުމުގެ ގިނަ ފިޔަވަޅުތަކެއް އަޅައި އެރަށްތަކުގައި ކާފިއުވެސް ހިންގިއެވެ.

ނަމަވެސް މިހާރު ކޯވިޑްގެ ޙާލަތު ރަނގަޅުވެފައިވާއިރު، އެޗްޕީއޭއިން ވަނީ ބަލިން ރައްކާތެރިވުމަށް އެޅި ގިނަ ފަޔަވަޅުތަކަށް ލުއިތަކެއް ދީފައެވެ. އަދި ބަލިން ރައްކާތެރިވުމަށް ޖަގާ ކޯވީޑް ދިފާއު ވެކްސިން ޖެހުމުގެ ޕްރޮގްރާމްވެސް ވަނީ ފުޅާކޮށްފައެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ މިމަހުގެ ނިޔަލަށް ރާއްޖޭގައި ވެކްސިންޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ދިނުމަށެވެ. ސަރުކާރުން ވަނީ ޢުމުރުން 12 އަހަރުން މަތީގެ އެންމެނަށް ބޭނުންވާވަރަށް ވެކްސިން ރާއްޖެ ގެނެސްފައެވެ.

Comment