ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތަކުގެ ކުލި ކުޑަ ކުރެވޭނެ ކަމަށް ޕީއެންސީގެ ނައިބް ރައީސް އަދި ހުޅުމާލެ ކައުންސިލަރ އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވެފައި މިވަނީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސުހައިލް ފްލެޓްތަކުގެ ކުލި ކުޑަ ނުކުރެވޭނެ ކަމަށް ވިދާޅުވަފައިވާ ދަނޑިވަޅެއްގައެވެ. އަދި ކުލަ ކުޑަ ކޮށްފި ނަމަ ދައުލަތަށް ވަރަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތި ލާން ދައުލަތަށް ޖެހޭނެ ކަމަށް މީގެ ކުރިން ރައީސް ސޯލިހު ވެސް ވަނީ ވިދާޅުވެފައެވެ.
އިއްޔެ ބޭއްވުނު ނޫސްވެރިންގެ ބައްދަލު ވުމެއްގައި ސުހައިލް ވިދާޅުވީ މިހާރުވެސް ކަނޑައަޅާފައިވާ ކުލި އަކީ ކުލި ކަމަށާއި އެއަށްވުރެ އެއަދަދު ކުޑަ ކުރެވެން ނެތް ކަމުގައެވެ. އަދި ލުއި އިތުރަށް ނުދެވޭނެ ކަން ކަން ވެސް ހުންނާނެ ކަމަށާއި ކުލި ކުޑަ ކުރުމަށް އެއްވެސް ކަހަލަ މަޝްވަރާއެއް ކުރިޔަށް ނުގެންދާ ކަމުގައެވެ. އެހެން ނަމަވެސް މިހާރު ފިނިޝިންގެ މުއްދަތު އިތުރު ކޮށް ކުލި ނަގަން ފަށާނީ އަންނަ ޖެނުއަރީ މަހުން ފެށިގެން ކަމަށް ސުހައިލް ވަނީ ބުނެފައެެވެ.
މިއަށް ރައްދު ދެއްވާ ކުރެއްވި ޓުވީޓުގައި ޝުޖާއު ވިދާޅުވީ ކުލި ކުޑަ ކުރެވޭނެ ކަމަށާއި އެކަން ނުކުރަން އުޅެނީ ކުރަން ނޭނގިގެން އުޅޭތީ ކަމުގައެވެ.
ސަރުކާރުން ނިންމީ 7500 ރުފިޔާ ކުލީގެ ގޮތުގައި ނެގުމާއެކު މެއިންޓެނަންސް ފީގެ ގޮތުގައި 1000 ރުފިޔާ ނެގުމަށެވެ. އެހެން ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގައި ކުލީގެ ގޮތުގައި ނެގުމަށް ބުނެފައި ވަނީ 5600 ރުފިޔާއެވެ.