ޚަބަރު
އެމްއައި ފޯނު ފުރަތަމަ ގަތް ފަރާތަކަށް ރިފަންޑް ދޭން އެކުންފުނިން ނިންމައިފި

ޒިއޯމީގެ 10ވަނަ އަހަރީ ދުވަހާ ދިމާކޮށް “އެމްއައި” ފޯނު އެންމެ ފުރަތަމަ ގަތް މީހުންނަށް ރިފަންޑް ދޭނެ ކަމަށް ޒިއޯމީ ކުންފުނިން ހާމަކޮށްފިއެވެ.

2011 ވަނަ އަހަރު ނެރުނު ޒިއޯމީގެ އެންމެ ފުރަތަމަ ފޯނު އެމްއައި އެކެއް ޕްރީއޯޑަރކޮށް ގަނެފައިވާ ފަރާތްތަކަށް ރިފަންޑް ދޭން ނިންމާފައިވާކަމަށާއި ރިފަންޑް ހޯދުމަށް އެދި އެކުންފުނީގެ ވެބްސައިޓުން މައުލޫމާތު ލިބެން ހުންނާނެ ކަމަށް އެކުފުނިން ވަނީ ބުނެފައެވެ.

އެގޮތުން ބަލާއިރު އެމްއައި އެކެއްގެ 184600 ފޯނު ވިއްކާފައިވާކަމަށް އެކުންފުނީގެ ރެކޯޑުތަކުން ހާމަވެއެވެ. އެމްއައި އެކެއް އެންމެ ފުރަތަމަ ވިއްކާފައިވަނީ 4749.36 ރުފިޔާއަށެވެ. އެއީ 308 ޑޮލަރެވެ. އެހެންކަމުން އެފޯނުތައް ވިއްކައިގެން 57 މިލިޔަން ޑޮލަރުގެ ފައިދާއެއް އެކުންފުންޏަށް ވަނީ ލިބިފައެވެ.

ޒިއޯމީ އެމްއައި މިކްސް 4 ފްލެގްޝިޕް ފޯން އާއި ރޮބޮޓް ޑޯގް “ސައިބާޑޯގް” ވަރަށް އަވަހަށް ނެރޭނެކަމަށް އެކުންފުނިންވަނީ ހާމަކޮށްފައެވެ.

މީގެ 10 އަހަރު ކުރިން ޗައިނާގެ މާކެޓަށް ނެރުނު އެމްއައި އެކެއް އާއެކީ މިއަދު ޒިއޯމީ ކުންފުނި މިވަނީ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ އެޕަލް އަދި ސެމްސަންގްއާ ވާދަކުރާ ކުންފުނިތަކުގެ ލިސްޓުގެ އެންމެ ކުރީ ސަފަށް ޖައްސާލާފައެވެ. އެކުންފުންޏަށް ލިބިގެން ދިޔަ ކާމިޔާބާއެކީ އެކުންފުނިން ބޭނުންވީ އެމްއައިގެ ފުރަތަމަ ކަސްޓަމަރުންނާއެކީ މިއުފާ ހިއްސާކޮށްލުމަށެވެ.

Comment