ސައްހަ ނޫން ބެންކް ސްލިޕް ބޭނުންކޮށްގެން ފިހާރަތަކުން ވައްކަން ކުރުން ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން ވިޔަފާރިވެރިން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް މާލޭގައި ކުރިޔަށް ގެންގޮސްފިއެވެ.
އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓާއި، ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒްގެ އިތުރުން ނެއިބަރ ހުޑް ޕޮލިސް ގުޅިގެން 14 އޮގަސްޓް 2021 ވީ ހޮނިހިރުދުވަހު ކުރިޔަށް ގެންދިޔަ މިޕްރޮގްރާމްގައި މާލޭގެ އުތުރުފަރާތު ބަނދަރު ސަރަހައްދުގެ 147 ފިހާރައަކަށް ޒިޔާރަތްކޮށް ފުލުހުންވަނީ މައުލޫމާތުދީފައެވެ.
އެގޮތުން، ވިޔަފާރިކުރުމުގައި އެކައުންޓަށް ފައިސާ ކުރިކަމަށް ސްލިޕް ފޮނުވުމުން ފައިސާ ޖަމާވިތޯ ބެލުމަށްފަހުގައި ނޫނީ މުދާ ދޫނުކުރުމަށާއި ސްލިޕްގައިވާ މައުލޫމާތްތަކަކީ ތެދު މައުލޫމާތްތޯ ބެލުމަށް ފިހާރަތަކުގައި ތިބި ސޭޓުންނަށް ނަސޭހަތްތެރިވެދިނެވެ. އަދި ފައިސާ ޓްރާންސްފަރ ކުރި ތާރީހާއި ގަޑީގެ ސައްހަކަން ކަށަވަރު ކުރުމުގެ އިތުރުން ޓްރާންސްފަރ ކުރި މީހާގެ ނަމާއި އައިޑީ ކާޑު ނަންބަރު އަދި ފޯނު ނަންބަރު ނޯޓު ކުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.
ފިހާރައިން ދޭ އެކައުންޓް ނަންބަރަށް ލާރި ޖަމާކުރުމަށްފަހު ސްލިޕް ފޮނުވުމުން ޗެޓްލޮގް ސްކްރީން ޝޮޓް ނަގައި ސޭވް ކުރުމަށާއި، ހިނގާފައިވާ މުއާމަލާތުގައި ޝައްކުކުރެވޭފަދަ އެއްވެސް ކަމެއް ފާހަގަ ކުރެވޭނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓު ކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
މިފަދަ މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކިޔައިދިނުމަށްފަހު މައުލޫމާތު ހިމެނޭ ސްޓިކާއެއް ޒިޔާރަތް ކުރެވުނު ކޮންމެ ފިހާރައެއްގައިވެސް ތަތްކޮށްފައިވެއެވެ.