ރައްޔިތުންގެ މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގެންނެވެން ނެތްކަމަށް ރައްޔިތުންގެ މަޖުލީހަށް އަންގައިފިއެވެ.
ރައީސް ނަޝީދު މަޖުލީހަށް ފޮނުވި ސިޓީފުޅެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ހަށިކޮޅަށް އަމާޒުކުރި ހަމަލާގެ މައްސަލައިގެ ތަހުޤީގު ނިމި އިންސާފް ލިބުމުގެ ކުރިން އެމަނިކުފާނާއި، އެމަނިކުފާނުގެ އާއިލާގެ ބޭފުޅުން ރާއްޖެ ވަޑައިގަތުމަކީ ރައްކާތެރި ކަމެއް ކަމުގައި ނުދެކޭ ކަމަށާއި ރާއްޖެއިން ބޭރުގައި ދިރިއުޅުއްވުމުގެ ހުއްދަ ދެއްވުމަށެވެ.
ރައީސް ނަޝީދު މަޖިލީހަށް ފޮނުއްވެވި ސިޓީ އިއްވަމުން އަމީންއާންމު ފާތިމަތު ނިޔުޝާ ވިދާޅުވިގޮތުގައި ރައީސް ނަޝީދު ބޭނުންފުޅުވަނީ ރާއްޖެއިން ބޭރުގައި ދިރިއުޅުއްވުމުގެ ފުރުސަތު މަޖުލީހުން ފަހިކޮށްދެއްވުން ކަމަށާއި އެމަނިކުފާނުގެ ޣައިރު ހާޒިރުގައި ނާއިބު ރައީސް އީވާ އަބްދުﷲ މަޖުލީހުގެ އިދާރާ ހިންގަވާނޭ ކަމަށް ނަޝީދު ވިދާޅުވެފައިވާކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނު ރާއްޖޭގައި ނެތަސް ރައްޔިތުންގެ މަޖުލީހަށާއި ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގައި ދެމިހުންނާނެކަމަށް އެސިޓީފުޅުގައި ވިދާޅުވެފައިވެއެވެ. އަދި ހާއްސަ ގޮތެއްގައި އިންޓަރ ޕާލަމެންޓްރީ ޔޫނިއަން އާއި ކޮމަންވެލްތާއި ޕާލަމެންޓްރީ އެސޯސިއޭޝަން މެދުވެރިކޮށް ހިންގާ މަސައްކަތްތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ކްލައިމެޓް ވަނަރަބަލް ފޯރަމްގެ މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.