ހަށިގަނޑު ހެދި ބޮޑުވުމަށް ކާނާއާއި އެއްވަރަށް ނިދިވެސް ބޭނުންވެއެވެ. އިންސާނާއަށް ރަނގަޅަށް ނުނިދުމުން ރުޅިގަދަވެ، ދުވާލުގެ ވަގުތުތަކުގައި އެންމެ އެކަށީގެންވާ ވަރަށް މަސައްކަތް ކުރުމަށް ހުރަސް އެޅެއެވެ. ދުވާލުގެ ވަގުތުތައް ހިތްހަމަޖެހުމުގައި ހޭދަކޮށްލެވޭނީ ރޭގަނޑު ގެ ނިދި ފުރިހަމައަށް ލިބިގެންކަން ޔަގީނެވެ. އެކިމީހުންނަށް ނިދަން ބޭނުންވާ މިންވަރުވެސް ތަފާތެވެ. އާންމުކޮށް ރެއަކާއި ދުވާލު 7 ގަޑިއިރު ނުވަތަ 6 ގަޑިއިރުގެ ނިދިން ފުދޭނެ ކަމުގައި ތަޖުރިބާކާރުން ބުނެވެއެވެ. ނަމަވެސް ބައެއް މީހުންނަށް 4 ނުވަތަ 5 ގަޑިއިރު ނިދާލުމުން ވެސް ފުދެއެވެ.
ނަމަވެސް ނިދި ނާންނަ ކަމަށް ބުނާ ވާހަކައަކީ ވަރަށްވެސް ގިނައިން އެކި މީހުންގެ ފަރާތުން އިވޭ ވާހަކައެކެވެ. ހަގީގަތަކީ ނިދި ނައުމަކީ ބައްޔެކެވެ. ކޮންމެހެންވެސް ނިދަން ޖެހެއެވެ. އެގޮތުން ތިރީގައި އެވަނީ ނިދި ނައުން ހައްލު ކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތަކެކެވެ.
1- ވީވަރަކުން ކެފެއިން އެކުލެވޭ ކާނާ އަދި ބުއިންތަކާއި ދުރުހެލިވާށެވެ. ޚާއްޞަކޮށް ރޭގަނޑު ކެއުމަށް ފަހު ނިދުމާއި ދޭތެރޭގައި މިފަދަ ބުއިންތަކާއި މުޅިން ދުރުހެލިވާށެވެ. ކެފެއިން އެކުލެވޭ ބާވަތް ތަކުގެ ތެރޭގައި ޗޮކްލެޓް، ކޮފީ އަދި ކަޅުސައި ފަދަ ބުއިންތައް ހިމެނެއެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމުން ވެސް ދުރުހެލިވާށެވެ. އޭގައި އެކުލެވޭ ނިކޮޓިން އަކީ ނިދުމަށް ހުރަސްއަޅާ މާއްދާ އެކެވެ.
2- ދުވާލުގެ ވަގުތުތަކުގައި މާގަދަޔަށް ނިދުމަކީ ރަގަޅު ކަމެއްނޫނެވެ. ޚާއްޞަކޮށް މެންދުރު ފަސް ނުވަތަ ހަވީރުގެ ވަގުތުތަކުގައި ނިދުމަކީ ރޭގަނޑުގެ ނިދި ޚަރާބުވެގެން ދިއުމަށް މަގު ފަހިކުރުވާ ކަމެކެވެ. ކޮންމެ ހެން ނިދާލަން ބޭނުންވެއްޖެ 30 ވަރަކަށް މިނިޓް މެންދުރު ފަހު ނިދާލެވިދާނެ އެވެ.
3- ނިދަށް އޮށޯތުމުގެ ކުރިން ތާފަނާ ފެނުން ރަގަޅަށް ފެންވަރާލާށެވެ.މިކަމުގެ ސަބަބުން ހަށިގަނޑަށް ލުއިކަން ލިބި ފަސޭހަކަމާއި ނިދޭގޮތް ވެއެވެ. ބައެއް ފަހަރު ފެންވަރައިގެން ނިމިގެން މަސާޖުވެސް ކޮށްލެވިދާނެ އެވެ.
4- ކޮންމެ ވެސް ބާވަތެއްގެ ފޮތެއް ކިޔާލާށެވެ. ނުވަތަ ތިނޯސް ބޭނުންކޮށްގެން އެއްޗެއް ފެހުން ފަދަ ކަވި މަސައްކަތެއް ކުރަން ފަށާށެވެ. ނިދިނާންނަމަ އެކަމުން ސަލާމަތްވުމަށް ޓީވީ ބެލުން ނުވަތަ ރޭޑިޔޯ އަޑު އެހުމަކީ ރަގަޅު ކަމެއްނޫނެވެ. އެއީ މިފަދަ ކަންކަމުގެ ސަބަބުން ޓީވީ އިން ފެންނަ ނުވަތަ ރޭޑިޔޯ އިން އިވޭ އެއްޗަކަށް ސަމާލުކަން ދެވި ނިދިއައުމަށް ހުރަސް އެޅޭގޮތް ވެއެވެ.
5- ފަނޑުއައްޔެއް އެކުލެވޭ ބޮތްކެއް ނިދާގަނޑީގައި ބޭނުންކުރަން އާދަކުރާށެވެ. ހަމަމިހެން ކޮޓަރީގެ ފިނިހޫނުމިން މެދުމިނެއްގައި ބެހެއްޓުމަށް އާދަކުރާށެވެ. ކޮޓަރިން ވައިބޭރުވާނޭ ގޮތް ހުންނަން ޖެހޭނެ އެވެ. އެދުގައި އަޅާ ބެޑްޝީޓް، ބާލީއުރަ ފަދަ ތަކެއްޗަކީ އަބަދުވެސް ސާފު ކަންމަތީގައި ބެހެއްޓޭ ތަކެތި ކަމުގައި ހަދާށެވެ.
6- ނިދަން އޮށޯތުމަށް ފަހު މާބޮޑަށް ކަންކަމާއި ވިސްނަށް ނުހަދާށެވެ. މިގޮތަށް ކަންކަމާއި، ވިސްނަން ފެށުމުން ނިދަން އުދަގޫވެއެވެ. އަދި އެރޭގެ ނިދި އެއްކޮށް ގެއްލޭގޮތް ބައެއް ފަހަރު ވެއެވެ.
7- އަބަދުވެސް ވަކިގަޑިއެއްގައި ހޭލަން އާދަކުރާށެވެ. ހަމަމިހެން ވަކިގަޑިއެއްގައި ނިދަށްއޮށޯތުމަށް ހަދާން ކުރާށެވެ. ހޭލާން ބޭނުންވާ ގަޑިއަށް ހޭނުލެވި ތަކުރާރު ވާނަމަ ސޯނާ ގަޑިއެއްގެ އެހީގައި ހޭލާންޖެހޭ ގަޑިއަށް ހޭލެވޭތޯ ބަލާށެވެ.
8- އަބަދުވެސް ކަސްރަތު ކުރަން އާދަކުރާށެވެ. ދުވާލަކު މަދުވެގެން 20 ވަރަކަށް މިނިޓް ކަސްރަތު ކުރުމުގައި ހޭދަކުރާށެވެ. އަދި ދުވާލުގެ ވަގުތުތަކަކީ ހަރަކާތްތެރި ވަގުތުތަކަކަށް ހަދާށެވެ. ނަމަވެސް ނިދަން މާގާތްވެފައި ވަނިކޮށް ކަސްރަތު ކުރުމަކީ ރަގަޅު ކަމެއް ނޫނެވެ. ނިދަން އޮށޯންނަށް 5 ނުވަތަ 4 ގަޑިއިރަށް ކައިރިވެފައި ވަނިކޮށް ކަސްރަތު ކުރުމަކީ ރަގަޅު ކަމެއް ނޫންކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.
9- ހަވީރުކޮޅު އަދި އިރާކޮޅު ގެ ވަގުތުތަކުގައި މާގަދަޔަށް ކެއުމަކީ ވެސް ރަގަޅު ކަމެއް ނޫނެވެ. ނަމަވެސް ނިދަން އޮށޯތުމުގެ ކުރިން ލުއިކެއުމެއް ނުވަތަ ސަޔެއް ފަދަ އެއްޗެއް އިޚްތިޔާރު ކުރެވިދާނެ އެވެ. މިގޮތުން ކިރުތައްޓަކާއި، ޕާން ފޮއްޗެއް ފަދަ އެއްޗެއް ނިދަން އޮށޯތުމުގެ ކުރިން ބޭނުންކޮށް ލެވިދާނެ އެވެ.
10- ކޮޓަރީގައި ހުންނަ އަލީގެ ސަބަބުން އުދަގޫވާނަމަ މާސްކެއް ފަދަ އެއްޗެއް ބޭނުންކުރެވިދާނެ އެވެ. އަދި މާއަޑުގަދަ ނަމަ ”އިއަރ ޕްލަގް” ފަދަ އެއްޗެއް ބޭނުންކުރެވިދާނެ އެވެ.
11- ނިދަން އޮށޯތުމަށް ފަހު ނުނިދެ ގިނައިރު ވާންފަށައިފިނަމަ ތެދުވާށެވެ. އެއަށްފަހު ދެން ނިދަން އޮށޯތުމުގެ ކުރިން ކުރެވިދާނެ ކަންތައްތަކުގެ ލިސްޓެއް ހަދާށެވެ. އަދި އެއަށްފަހު އެލިސްޓްގައިވާ ކަންތައްތައް މަޑުމަޑުން ފުރިހަމަ ކުރާށެވެ. މިގޮތަށް ހެދުމުން ބައެއް ފަހަރު އެހެން ޚިޔާލުތަކާއި، ދުރުވެ، އަދި އެކަންކަން ފުރިހަމަކުރުމަށް ހޭދަކުރާ ވަގުތުގެ ތެރޭގައި ނިދިއަންނަގޮތްވެ، ނިދުމަށް މަގުފަހިވެގެން ދެއެވެ.
މަސްދަރު : ސިއްޙަތު (ޑރ ޢަބުދުލް ޢަޒީޒު ޙަމީދު)