“ބިރަކާއި ނުލައި ޖިމާއުވުން” މިބަހާއި މެދުތިބާގެ ފިކުރަކީ ކޮބައިތޯއެވެ؟ އާދޭހެވެ. އެއީ ދެމަފިރިން ވަޠިއު ވުމަށް ކިޔާނަމެކެވެ. ޖިމާއު ވުމަކީ ޝަރުއީ ކާވެންޏެއް ކޮއްގެންތިބި ކޮންމެ ދެމަފިރިއަކަށް ހުއްދަކުރައްވާފައިވާ ކަމެކެވެ. އަދި އެއީ އަޅުކަމެކެވެ. ކާވެނީގެ ބޭރުން ވަޠިއުވާނަމަ އެޔަށް ޖިމާއުވުމެކޭ ނުކިޔާނެއެވެ. އެޔަށް ކިޔަނީ ޒިނޭކުރުމެވެ. ދަންނަވަން މިއުޅޭ ބަހުގެ މަތުލަބަކީ ބިރަކާއި ނުލައި ކުރެވޭނީ ހެޔޮކަމެކެވެ. ނުބައި ކަމެއް ކުރަން އުޅޭނަމަ ފަޅާއަރާފާނެތީ، ފާފަވެރި ވެދާތީ ބިރުގަންނާނެވެ.
މިފަހަކަށް އައިސް އަޅުގަނޑުމެންގެ ތެރޭގައި “ބިރަކާއި ނުލައި މަޖާކުރުން” މިބަހަކީ ވަރަށް އާންމު ބަހަކަށް މިވަނީވެފައެވެ. އެއްބަޔަކު ޒުވާބުދެނީ އެއީ މުސްލިމުންގެ ތެރޭގައި ބޭނުން ނުކުރެވޭނެ ބަހެއް ކަމަށެވެ. މިބަހާއި މެދު ޒުވާބުދީ ހުކުމްތަށް ނެރެފައިވާއިރު އެންމެ އަޖައިބު ކަމަކީ ޒަމާނުންސުރެ އަޅުގަނޑުމެންގެ ތެރޭގައި ހުރި ލަދުވެތި ބަސްތަށް (ނުބައިއެއްޗެހި) ނުވަތަ ހުވަދޫ ބަހުން މިކިޔާ “ކުނެފޮޅެ” ކިޔުމަކީ ނުވަތަ އެކަހަލަ ބަސްތަށް މުސްލިމުންގެ ތެރޭގައި ބޭނުން ކުރުމާއި މެދު ކަންބޮޑުވެގެން ވާހަކަދައްކާފައި ނުވާތީއެވެ.
ބިރު – ގެއްލުމަކާމެދު ނުވަތަ ނުރައްކަލަކާމެދު ހިތުގައި އުފެދޭ ސިހުން.
ނުލައި– ކަމެއްނަފީކުރުން، ވަކިކުރުން.
މަޖާކުރުން – މާބޮޑު މަގުސަދެއްނެތި ހަމައެކަނި އުފާކުރުމުގެ ގޮތުން ސަމާސާ ކުރުމާއި ކުޅިވަރު ކުޅުމާއި ސަކަރާތް ގަތުން.
2009 ވަނައަހަރު ދެއްވަދޫގެ 60 ވަރަކަށް ޒުވާން ކުދިން ކުޑަބަނޑޮހަށް “މާހެފުން” ގެ ނަމުގައި ދަތުރު ދިޔައެވެ. އަޅުގަނޑަކީވެސް އެދަތުރުގެ ބައިވެރިއެކެވެ. އަޅުގަނޑުމެންނަށް ބަނޑޮހަށް ދެވުނީ އެދުވަހު ހެދުނު އަށެއް ޖަހަން އުޅެނިކޮށެވެ. ދެން ރަށަށް ފައިބައިގެން އަޅުގަނޑުމެން ކޭންޕު ޖެހުމަށް ހުރިހާ ސާމާނުތަށް ކޮޑަށް ލައިގެން އެކަކު އަނެކަކަށް ސަމާސާ ކުރަމުން ގޮސް ބޮޑުބަނޑޮން އޮންނަ ފަޅިއަށް ދިޔާމެވެ. އިރުކޮޅެއްނުވެ ތިން ޒުވާނަކު އައިސް އަހަރެމެންގެ ގުރޫޕަށް ހުރަހެޅިގެންފިއެވެ. އެހެންނަމަވެސް އަހަރެމެން ރައްދުނުދިނުމުން އެމީހުން ހިގައްޖެއެވެ. އޭގެ ދިހަވަރަކަށް މިނިޓް ފަހުން އެމީހުން އައީ ވިއްސަކަ މީހުންގެ ގުރޫޕަކާގެންނެވެ. އެމީހުން އައިގޮތަސް އައިސް އަހަރެމެންގެ ތެރެއިން ކުއްޖެއްގެ ގައިގައި ތަޅައިގަތެވެ. އެހާހިސާބުން އެމީހަކާ އެމީހަކާ ތަޅާގަތީއެވެ. ވީނުވީ އެއްވެސް ނޭގުނެވެ. ކޮންމެއަކަސް އެރަށަށް ދަތުރުގޮސް ތިބިއެންމީހުން އައިސް ތަޅާފޮޅުން ހުއްޓުވައިފިއެވެ. ދެން ވީގޮތް އޮޅުން ފިލުވީމެވެ. އެގުރޫޕް އައިސް ތަޅައިގަތީ އެމީހުން ކުޅެން އަހަރެމެންގެ އަތުގައިއޮތް ބޯޅަނުދިނުމުންނެވެ. ކޮންމެއަކަސް ބިރާހެދި މަޖާނުކުރެވުނެވެ. ބިރާހެދި 9:30 ގައި އެބުރި މާލެ އައީއެވެ.
އެހެންކަމުން ބިރަކާއި ނުލައި މަޖާކުރުމަކީ އެހެންމީހުންގެ ތުރާއާއި ނުލައި އެމީހަކު އެބޭނުންވާ ކުޅިވަރެއް ކުޅެލާފައި އެބުރި ސަލާމަތުން ގެއަށް އަންނަ އައުމެވެ. ލާހިކުނޫން ކުޅިވަރެއް ކުޅޭނަމަ އޭނާ އެކަމެއް ކުރާނީ ބިރުން ސިއްރިޔާތުގައި ފިލާހުރެގެންނެވެ. އެޔަށް މުތުލަގު ގޮތެއްގައި ކިޔާއުޅެނީ ޖަރީމާއެވެ. ކުޅިވަރެއްނޫނެވެ.
އަހުރެންގެ ދުޢާއަކީ ބިރަކާއި ނުލައި މަޖާކޮށް ކުޅިވަރު ކުޅެވޭނެ މާހައުލެއް، އަޅުގަނޑުމެންގެ ތެރޭގައި ޤާއިމްވެގެން ދިއުމެވެ. އާމީން
މިދުނިޔެއަން ފޮނުވާހި ތިތޯ މަޖާ ކެރަންނަ ކަމަން ހީކޮޅޯ؟ ކޮޅާ ކޭކެ!!