ޚަބަރު
އަފްޣާނިސްތާނުގެ ގިނަ ރައްޔިތުންތަކެއް ގައުމު ދޫކޮށްދަނީ

ގިނަ އަދަދެއްގެ ރައްޔިތުން އަފްޣާނިސްތާނުގެ ކާބުލް އެއަރޕޯޓަށް ތޮއްޖެހި ގައުމު ދޫކޮށް ދިޔުމަށް އެއްވަމުން އެބަދެއެވެ.

ގިނަ އަދަދެއްގެ ބަޔަކު މިފަދައިން އެއަރޕޯޓަށް ތޮއްޖެހުމުގެ ސަބަބުން ގިނަ ބަޔަކަށް އެކިވަރުގެ އަނިޔާތަށް ލިބި 5 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ. މިފަދަ ބިރުވެރިކަމެއްގެ ތެެރެއަށް މުޅި ޤައުމު ވެއްޓިގެން ދިޔައީ ޠާލިބާނުން މުޅި ޤައުމަށް ވެރިވެގެންފައިވާ ދަނޑިވަޅެއްގައެވެ. ގިނަ އަދަދެއްގެ ސަރުކާރުގެ އިސްވެރިންނާއި، ރައީސް ވަނީ މިދަނޑިވަޅުގައި ޤައުމު ދޫކުރައްވައި ފިއްލަވައި ވަޑައިގެންފައެވެ.

މިފަދަ ނުތަނަވަސްކަމެއް މުޅި އަފްޣާނިސްތާނަށް ވެރިވެފައިވާ ދަނޑިވަޅެއްގައި، އެހެނިހެން ޤައުމުތަކުގެ ޑިޕްލޮމެޓުން އެޤައުމުތަކަށް އަނބުރާ ގެންދިއުމުގެ މަސައްކަތް ވަނީ ޤައުމުތަކުން ފަށާފައެވެ. އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކާބުލް އެއަރޕޯޓް ވަނީ ބޮޑު ހަލަބޮލިކަމެއްގެ ތެރޭގައެވެ. އެއާޕޯޓުގެ ބޭރުގައި މާބޮޑު ހަލަބޮލިކަމެއް ނެތްކަމުގައި ވިޔަސް، އެއަރޕޯޓުގެ ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކަށް ވަނީ ގިނަ އަދަދެއްގެ ރައްޔިތުންނާއި ދެކޮޅަށް ހަތިޔާރު އުފުލަން ދަތިވެފައެވެ.

ތާލިބާނުންގެ ތަރުޖަމާނެއް ކަމުގައިވާ މުހައްމަދު ނަޢީމް އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ބުނެފައިވާގޮތުގައި، ޠާލިބާނުން ދެން އެކަހެރިކޮށް އުޅެން ބޭނުން ނުވެއެވެ. ބޭނުން ވަނީ ވީހާވެސް އަވަހަކަށް އާ ދައުލަތެއް އުފައްދައި ޤައުމަށް ހަމަހިމޭންކަން ގެނައުން ކަމުގައެވެ. އަދި މި މަރުހަލާގައި ބައިނަލް އަޤްވާމީ ފަރާތްތަކުން ޠާލިބާނުންނަށް އެއްބާރުލުން ދިނުމަށް އެދިފައިވެއެވެ.

ޔުނައިޓެޑް ނޭޝަންސް ސެކިއުރިޓީ ކައުންސިލުން އަފްޣާނިސްތާނުގެ ހާލަތާމެދު މިހާރު އަންނަނީ މަޝްވަރާކުރަމުންނެވެ.

ތާލިބާނުން އަފްޣާނިސްތާނުގެ ސަރުކާރު ވައްޓާލުމަށްޓަކައި އެގައުމުގެ ގިނަ ސަރަހައްދުތަކެއް ތާލިބާނުންގެ އަތްދަށަށް މިހާރު ގެނެސްފައިވާއިރު، އެގައުމުގެ ގިނަ ރައްޔިތުންތަކެއް ދަނީ މިހާރު ގައުމު ދޫކޮށް ފުރަމުންނެވެ.

Comment