ގދ މަޑަވެލީގައި ކުރީގެ އަނބިމީހާއަށް އަނިޔާކުރި މައްސަލައެއްގައި ފިރިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފިރިހެން މީހާ ހައްޔަރުކޮށްފައި ވަނީ މިއަދު ހަވީރު 6 ޖެހިއިރުއެވެ.
“ހުވަދޫ ނިއުސް” އަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ، ކުރީގެ އަނިބިމީހާއަށް ގެވެށިއަނިޔާ ކުރިކަމުގެ މައްސަލައެއް ފުލުހުންނަށް ރޭގެ ވަގުތެއްގައި ހުށަހެޅިފައިވާ ކަމަށާއި، އެމައްސަލަ ބެލުމަށްޓަކައި ފުލުހުންގެ ޓީމެއް މިހާރު އެރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އަނިޔާ ލިބުނު އަންހެންމީހާ ދިރިއުޅެމުން އައީ ފިރިހެންމީހާ ގޭގައި ކަމަށް ވުމުން, މިހާރުވަނީ އާއިލާގެ އެހެން ގެއަކަށް ބަދަލުވެފައެވެ. އަދި އަންހެން މީހާ އާއި އެކު އޭނާގެ ތިން ދަރިންވެސް ވަނީ އެގެއަށް ބަދަލުވެފައެވެ.
މަންޒަރުދުށް މީހަކު ހުވަދޫ ނިއުސް އަށް މައުލޫމާތުދިން ގޮތުގައި ރޭގެ ވަގުތެއްގައި އެފިރިހެންމީހާ އޭނާގެ ކުރީގެ އަނިބިމީހާއަށް އަނިޔާކޮށްފައިވާ ކަމަށާއި، ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށް އެރަށު ސިއްޙީމަރުކަޒަށް ދިޔައިރު ބަންދުކޮށްފައި ހުރުމުން ފަރުވާދެވިފައި ނުވާކަމަށެވެ. އަދި ސިއްޙީމަރުކަޒުގެ އެއްވެސް ފަރާތަކުން ފޯނަށް ޖަވާބުދީފައި ނުވާތީ ރޭގައި ނުދެއްކުނު ނަމަވެސް މިހާރު އެރަށު ސިއްޙީމަރުކަޒަށް ދައްކައި ލިބިފައިވާ ޒަހަމްތަކަށް ފަރުވާ ހޯދާފައިވާ ކަމަށެވެ.