ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަންނަވަން ބޭނުންފުޅުނުވަނީ އެމަނިކުފާނަށް ޖާނުން ފިދާވުމުގެ ހަމަލާއެއް ދޭނެކަމުގެ އިންޒާރު ދީފައިވާތީކަމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމު (ދޮންބިލެތް) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖުލީހުގައި މިއަދު ބޭއްވުނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހަލީމް ވިދާޅުވީ ނަޝީދު ރާއްޖެ ވަޑައިގަންނަވަން ބޭނުންފުޅުނުވާ ސަބަބަކީ މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެރޭ ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާ ދިން މީހުން ދޫކޮށްފައިވާތީ އާއީ ޖާނުން ފިދާވެގެން އެމަނިކުފާނަށް ހަމަލާދޭނެކަމުގެ އިންޒާރު ތަކުރާރުކޮށް ދީފައި އޮތުމުން ކަމަށެވެ.
ނަޝީދު ރާއްޖެ ވަޑައިގެންނެވުމުން އެމަނިކުފާނަށް ލިބެން ޖެހޭ ރައްކާތެރިކަން ލިބެން ނެތް ކަމަށް ވެސް ހަލީމް ވިދާޅުވިއެވެ.
ނަޝީދު މަރާލުމުގެ ނިޔަތުގައި އެމަނިކުފާނުގެ ހަށިކޮޅަށް އަމާޒުކުރި ބޮމުގެ ހަމަލާގައި އެމަނިކުފާނަށްވަނީ ބޮޑެތި އަނިޔާތައްވެފައެވެ. އެހެންކަމުން އޭޑީކޭ ހޮސްޕިޓަލުން ގިނަ އޮޕަރޭޝަންތައް ކުރުމަށްފަހު އިތުރު ފަރުވާއަށް އެމަނިކުފާނު ވަޑައިގަތީ ޗުއްޓީ ނަގައިގެން ޖަރުމަނަށެވެ. އެޤައުމުގެ މިލިޓަރީ ހޮސްޕިޓަލަކުން ފަރުވާ ހޯދުމަށްފަހު މިވަގުތު ހުންނެވީ އިގިރޭސި ވިލާތުގައެވެ. އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވަން ބޭނުންފުޅު ނުވާތީ ޗުއްޓީ އިތުރުކޮށްދިނުމަށްއެދި މަޖުލީހަށް ވަނީ ސިޓީފުޅެއް ފޮނުވާފައެވެ.
އެމަނިކުފާނަށް ހަމަލާދިން މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާކޮށް މި ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި ހަތަރު މީހުންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށަން ވަނީ ތައްޔާރުވެފައެވެ.