ޚަބަރު
“ވޭލިހަންކޮޑާ” ޕިކްނިކް އޭރިއާއެއްގެ ގޮތުގައި ތަރައްގީކުރަނީ

ގދ ފަރެސްމާތޮޑާގެ ފަރެސް އަވަށުގައި އޮންނަ “ވޭލިހަންކޮޑާ” ޕިކްނިކް ސަރަހައްދެއްގެ ގޮތުގައި ތަރައްޤީ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ފަރެސްމާތޮޑާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ޝާތިރާ އަހުމަދު ހުވަދޫ ނިއުސް އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، މިހާރުވެސް އެރަށުގެ ހުރިހާ ރައްޔިތުން މޫދަށް އެރި ޕިކްނިކް ހެދުމަށް ބޭނުން ކުރަމުން އަންނަ ވޭލިހަންކޮޑާ ގައި ފާހާނާ ކުރެވޭނެ ނިޒާމަކާއި، ހަޓްތަކެއް އަޅައި ތަރައްގީ ކުރަނީ މިނިސްޓްރީ އޮފް ޕްލޭނިންގެ އެހީތެރި ކަމާއެކުގައި ކަމަށާއި، އެސަރަހައްދު ނިމިގެން ދާއިރު ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ.

“މިދިޔަ ހޮނިހިރު ދުވަހު އަޅުގަނޑުމެންނާ ފަރެސްމާތޮޑާ ކައުންސިލް ގުޅިގެން އެތަންވަނީ އެއްކޮށް ސާފުކޮށްފަ. އަދި ވަރަށް އަވަހަށް އެއޭރިއާ ތަރައްޤީ ކުރަން ފަށާނެ.” ފަރެސްމާތޮޑާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ޝާތިރާ އަހުމަދު

ފަރެސްމާތޮޑާގެ ރައީސް އަހުމަދު އިމްތިޔާޒު ވިދާޅުވީ، ވޭލިހަންކޮޑާ އަކީ ރަށުގެ ރައްޔިތުންނާ ގުޅިލާމެހިފައިވާ ތަނެއް ކަމަށާއި، ޕްލޭނިން މިނިސްޓްރީން އެތަން ތަރައްގީ ކުރުމަށް މަސައްކަތް ކޮށްދެއްވާތީ ޝުކުރު އަދާކުރާ ކަމަށެވެ.

އިމްތިޔާޒް ވިދާޅުވީ، އެތަން ތަރައްގީކޮށް ނިމޭއިރު އެތަނަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ދާއިމަށް ބެލެހެއްޓުމަށް ރަނގަޅު ސެކިއުރިޓީ ނިޒާމެއް ޤާއިމުކުރުމުގެ ވިސްނުން ކައުންސިލުން  ގެންގުޅޭ ކަމަށެވެ. އޭގެ އެންމެ މުހިންމު ސަބަބެއް ކަމުގައި ރައީސް ވިދާޅުވީ މޫދަށް އެރިއުޅޭ ފަރާތްތަކުގެ ސަލާމަތަ ރައްކާތެރިކަން ބެލެހެއްޓުން ކަމަށެވެ.

ފަރެސްމާތޮޑާ އަކީ އާބާދީގައި 1800 މީހުން ދިރިއުޅޭ އެއްފަސް ކުރެވިފައިވާ ރަށެކެވެ.

Comment