ބޭންކް އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި ގއ.ގެމަނަފުށީ ސްކޫލުގައި ބީޓެކް ކްލާސްރޫމެއް ތަރައްޤީކޮށްފިއެވެ.
ގެމަނަފުށީ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ސައްދާމް ވިދާޅުވީ މިއީ މަސްވެރިންގެ ޖަމިއްޔާއިން އިސްނަގައިގެން ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި އަޅާފައިވާ ބީޓެކް ކްލާސްރޫމެއް ކަމަށާއި މީގެ ކުރިން އެރަށުގައި ބީޓެކް ކިޔަވާ ކުދިން ޕްރެކްޓިސްކުރަންދަނީ އެރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ކަމަށެވެ.
ގެމަނަފުށީ ސްކޫލުގައި ބީޓެކް ހޮސްޕިޓާލިޓީ މާއްދާ ކިޔަވާ 9 ދަރިވަރުން ތިބޭއިރު ސްކޫލުގައި ޕްރެކްޓިސްކުރާނެ ކްލާސްރޫމެއް ތަރައްޤީވެގެން ދިޔުމަކީ ސްކޫލަށް އަދި އެރަށަށްވެސް ލިބުނު ކުރިއެރުމެއްކަމަށް ސައްދާމް ވަނީ ވިދާޅުވެފައެވެ.
ގެމަނަފުއްޓަކީ ގެސްޓްހައުސްތައް ފުޅާދާއިރާއެއްގައި ހިންގާ ޓޫރިޒަމްގެ ރަށަކަށްވާތީ އެރަށު ސްކޫލުގައި ޤާއިމުކުރެވިގެންދިޔަ ކްލާސްރޫމަކީ އެދާއިރާގައި ކުރިޔަށްދާން ބޭނުންވެފައި ތިބި ކުދިންނަށް ހުޅުވާލެވުނު އިތުރު ފުރުސަތެކަށް ވާނެކަމަށް ގެމަނަފުށީ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވިއެވެ.
ބީ.އެމް.އެލްގެ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ އެހީގައި ރާއްޖޭގެ ގިނަ ރަށްރަށުގައި ތައުލީމާއި ކުޅިވަރުގެ ދާއިރާގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމުގެ ގިނަ މަޝަރޫއުތައް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން މިހާތަނަށް ގާތްގަޑަކަށް 50 ޕްރޮޖެކްޓަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އެގޮތުން ހޮވާލެވޭ ކޮންމެ ޕްރޮޕޯސަލްއަކަށް 50،000 ރުފިޔާގެ މާލީ އެހީތެރިކަން ބީއެމްއެލްއިން ފޯރުކޮށްދެއެވެ.