ގިނަ ލަވަ ތަކެއް އާމުންނާ ގެނެސް ދީފައިވާ މަޝްހޫރު ލަވަ ކިޔުންތެރިޔާ މުހައްމަދު ރިއްފަތުގެ އާ ވީޑިއޯ ލަވަ “ވޭނުގާ” އަންނަ ހުކުރު ދުވަހުގެ ރޭ ރާއްޖެ ޓީވީން ރިލީޒްކުރާނެއެވެ. ހުވަދޫ ނިއުސް އަށް މައުލޫމާތު ދެމުން ރިއްފަތު ބުނީ މި ލަވަ އަކީ އޭނާގެ އަމިއްލަ ރާގު އަލްބަމް “ދަލާޝަ” ނެރުމުގެ ކުރިން އޭގެ ޕްރަމޯޝަނެއްގެ ގޮތުގައި ހެދި ލަވައެއްކަމަށެވެ.
މިހާތަނަށް 200 އަށް ވުރެ ގިނަ ލަވައިގެ ރެކޯޑިން ހަދާފައިވާ ރިއްފަތު އިތުރަށް ބުނީ އޭނާގެ ވޭނުގާ ވީޑިއޯ ލަވަ އަންނަ ހުކުރު ދުވަހުގެ ރޭ ރާއްޖެޓީވީން ގެނެސްދޭ “ކުލަ ސްކްރީން” ޕްރޮގްރާމްގައި ރިލީޒްކުރަން ނިންމާފައިވާ ކަމަށާއި “ވޭނުގާ” އަކީ އޭނާގެ އަމިއްލަ އަޑުން ކިޔާފައިވާ ލަވަ އެއް ކަމަށެވެ.
ލަވައިގެ އަންހެން ތަރިއަކަށް މިފަހަރު ފެނިގެންދަނީ ޑައިރެކްޓަރ އަމްޖޭ ގެ ގިރިޓީ ލޯބި ފިލްމުން ތައާރަފުވި ކުޅަދާނަ ބަތަލާ އައިޝަތު ތުހުފާ (ތޫ) އެވެ.
ހުވަދޫ ނިއުސް އަށް މައުލޫމާތު ދެމުން ތޫ ބުނީ ރިއްފަތު ގެ ވޭނުގާ އޭނާ ވަރަށް ކުޅޭ ހިތުން ކުޅެފައިވާ ލަވައެއް ކަމަށާއި ލަވައިގެ ހުރިހާ ކަމަކާ މެދުވެސް ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.
ލަވަޔަކީ ރިއްފަތު ވަރަށް ރީއްޗަށް ކިޔާ އަދި އޭގެ ރެކޯޑިންގ ވެސް އެހާ ހިތްގައިމު. އެހެންވީމާ ވަރަށް މަސައްކަތް ކޮއްފައި އިންނާނީ ފުރިހަމަކަން ގެންނަން ” އާނ އަހަރެން ވެސް ލޯބި ވިން އަދި ހުވާސް ފަދަ ޑުރާމާ ތަކުން އާންމުންގެ މަޤުބޫލު ކަން ހަދާފައިވާ ތޫ ބުންޏެވެ.
ކެމެރާމަން އަލީ ރަޝީދު (ގޮޅާ އައްޔަ) ޑައިރެކްޓްކޮށް ހުޅުމާލޭގައި ޝޫޓްކޮށްފައިވާ ވޭނުގާ އަކީ ވޭއަހުމަދު އިސްމާއިލް (އަންމަޑޭ) ގެ ޅެމަކަށް ކިޔާފައިވާ ލަވައެކެވެ. ލަވައިން ފެނިގެންދާނީ މަޝްހޫރު ފިލްމީ ތަރި އަހުމަދު އީސަ (އާނަންދު) އާއި އައިޝަތު ތުހުފާ ( ތޫ) އެވެ.
“ވޭނުގާ” އަކީ މުހައްމަދު އަހުމަދު (ކޮއްކޮ) މިއުޒިކް ހަދާ ރެކޯޑިން ހަދާފައިވާ ލަވަ އެކެވެ.
ރިއްފަތުގެ އަޑުން ކިޔާ އެންމެ ފަހުން ނެރުނު ވީޑިއޯ ލަވަ އަކީ ފިލްމީ ތަރި ޝިފާގެ އިތުރުން ޖިމީ ކުޅެފައިވާ “ޔާރު ދިވާނާ” އެވެ.