ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުއާ ދެކޮޅަށް މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ އާއިލާ ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް އެ އާއިލާއިން ބުނެފިއެވެ.
ހުޅުމާލެއިން ރައީނުކޮށް މަރާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟުވާނާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށް ބުނެ ރިލްވާންގެ އާއިލާ ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް އެ އާއިލާއިން ބުނެފައިމިވަނީ، ދާދި ފަހަކުން ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ރިލްވާންއާ ގުޅޭ ގޮތުން އުމަރު ދައްކާފައި ހުރި ވާހަކަތަކަކާ ގުޅިގެންނެވެ.
އެ ޕްރޮގްރާމްގައި އުމަރު ވިދާޅުވެފައިވަނީ ނޫސްވެރިޔެއްގެ ގޮތުގައި ރިލްވާން މަސައްކަތް ކުރުމުގެ ކުރިން އޭނާ އުޅެމުން ދިޔައީ ހަރުކަށި ފިކުރު ގަބޫލު ކުރާ ރާއްޖޭގެ ޑޮޓް ޖަމިއްޔާގެ މީހުނާ އެކުގައި ކަމަށެވެ. އަދި އެމީހުނާއިއެކު އުޅެފައި ރިޟުވާން އެމީހުންގެ ތެރެއިން ވަކިވެގެން ދެން މަސައްކަތްކުރީ މިނިވަން ނޫހުގައި ކަމަށާއި، ސެކިއުލާ ވިސްނުމުގައި އެ މީހުންނާ ދިމާކޮށްފައި ވާހަކަ ދައްކާ ހަދަން ފެށުމުން ދެބައިމީހުންގެ މެދުގައި މައްސަލަ ހޫނުވީކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރުގެ ވާހަކަތަކާ ނުރުހި ރިލްވާންގެ ދައްތަ ފާތިމަތު ޝެހެނާޒް އާދަމް ބުނީ އުމަރު ނަސީރަށް ވެސް ބޭނުންވާހާ ވާހަކަތަކެއް ނުދެއްކޭނެ ކަމަށާއި ރިލްވާންއާ ގުޅޭ ގޮތުން ދައްކާފައި އޮތީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށެވެ. އަދި ހަރުކަށި ވިސްނުމެއްގެ ބަޔަކާއެކު ރިލްވާން އުޅުނީ މަދު ދުވަސްކޮޅެއްގައި ކަމަށާއި އެ ވިސްނުމުގެ މީހުންގެ ހަގީގީ ފިކުރު ސާފު ވުމުން އެ މީހުނާ ދުރަށް ރިލްވާން ދިޔަ ކަމަށެވެ. ހޯމް މިނިސްޓަރަކަށް އުމަރު ހުންނެވިއިރު ރިލްވާންއަށް އިންސާފު ހޯދައިދެވިފައި ނުވާ ކަން ވެސް އޭނާ ފާހަގަކުރެއެވެ.
މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުވާލިތާ 6 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެ މަރުގެ މައްސަލައަށް އިންސާފް ހޯދައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެކެވެ.