ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފިއެވެ. އެގޮތުން ރައިސުލް ޖުމްހޫރިއްޔާ ވަނީ މިރޭ ތިމަރަފުށްޓަށް ވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާ ތިމަރަފުށްޓަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، މުއައްސަސާތަކުގެ ވެރިންނާއި ރަށުގެ ރައްޔިތުންނެވެ.
ރައީސްގެ މި ދަތުރުފުޅުގައި، ތ.އަތޮޅުގެ ހަތް ރަށަކަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވާއިރު ރައީސުލްޖުމްހޫރިއްޔާ ތިމަރަފުއްޓަށް ކުރައްވާ ދަތުރުފުޅުގައި މިރޭ ތިމަރަފުށީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ވެސް ރައީސްގެ މި ދަތުރުފުޅުގައި އެ އަތޮޅު އޮމަދޫ ބަނދަރު ހުޅުއްވައިދެއްވައި، އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.