އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާއި ގުޅިގެން ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަޑުއެހުން މިއަދު ކުރިޔަށް ނުގެންދެވުނެވެ.
ނިހާންގެ މައްޗަށް ކޮށްފައިވާ ހިޔާނާތުގެ މައްސަލައިގައި ދައުލަތުން ދީފައިވާ ލިޔުންތައް ސާފުނުވާކަމަށް ނިހާންގެ ވަކީލު ހުސްނީ މުބާރިކް ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން މިމައްސަލަ މިއަދު ކުރިޔަށް ގެންދެވޭ ގޮތެއްނުވުމުން، ތިންދުވަހުގެތެރޭގައި ނިހާންގެ މައްސަލައިގެ ހުރިހާ ލިޔެކިޔުންތަކުގެ ހާޑްކޮޕީ ނިހާންއާ ހަވާލުކޮށްދެއްވުމަށް މިމައްސަލަ ބައްލަވާ ގާޒީ އަލީ އާދަމްވަނީ އަންގާފައެވެ.
ދައުލަތުން ދީފައިވާ ލިޔެކިޔުންތައް ސާފްނުވާކަމަށްބުނެ މީގެ ކުރިންވެސް ނިހާންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނިހާންގެ މައްޗަށް ދައުލަތުން ވަނީ ހަ ދައުވާއެއް ކޮށްފައެވެ.
- މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރައްވަންޖެހޭ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން އަދީބު މެދުވެރިކޮށް، އެސްއޯއެފްގެ 150،000 ރުފިޔާގެ ޑޮލަރުގެ ޗެކެއް ލިބިވަޑައިގެންފައިވާތީ ރިޝްވަތް ހިފުމުގެ ދައުވާ
- އަދީބު މެދުވެރިކޮށް، 150،000 ޑޮލަރުގެ ޗެކެއް ހޯދައި، އެ ފައިސާ ބޭނުންކޮށްގެން ޕްލެޓިނަމް ރެޒިޑަންސްއިން ޕްލެޓެއް ގެނެފައިވާތީ މަނީލޯންޑްރިންގެ ދައުވާ
- ރިޝްވަތުގެ ގޮތުގައި އަގުބޮޑު ރޮލެކްސް ގަޑިއެއް ދިނުމަށް އެދިފައިވާތީ، އޭނާގެ މައްޗަށް ކުރާ ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދައުވާ
- ވިޔަފާރިވެރިޔާ ބިސް މަނިކު މެދުވެރިކޮށް، އަދީބު ދިން ރޮލެކްސް ގަޑި ނިހާން ބަލައިގެންފައިވާތީ، އޭނާގެ މައްޗަށް ވަނީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއެއް
- އަދީބު އަރިހުގައި 650،000 ރުފިޔާ ދިނުމަށް ނިހާން އެދިފައިވުމުން އޭނާގެ މައްޗަށް ވަނީ ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދައުވާ
- އެ އަދަދަށް އަދީބު ފައިސާ ދިނުމުން، އެ ފައިސާގައި ހިފާފައިވާތީ އެނާގެ މައްޗަށް ވަނީ ރިޝްވަތު ހިފުމުގެ ދައުވާ ވެސް އުފުލާފައެވެ.