މަކަރާއި ހީލަތުން މީހަކު އަތުން ދޮޅުލައްކަ ރުފިޔާ ހޯދި މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި ކ. ކާށިދޫ، ގަސްފިނޮޅު، މުހައްމަދު އުނައިސް (31) މީހަކަށް ފޯނުން ގުޅައިގެން މަކަރާއި ހީލަތުން އެމީހާ އަތުން 150،000 ރުފިޔާ ހޯދާފައިވާ ކަމަށާއި ސެޕްޓެމްބަރ 5ވަނަ ދުވަހުގެ ކުރިން ތ.ގުރައިދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުވާން އަންގާކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވިގޮތުގައި މުހައްމަދު އުނަސް އުޅޭ ވަކިތަނެއް ނޭގުމުގެ ސަބަބުން މިމައްސަލައިގެ ތަހުޤީގަށް އޭނާ ވަނީ ހާޒިރުނުކުރެވިފައެވެ.
މުޙައްމަދު އުނައިސް އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ތ.ގުރައިދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9800113 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
ފަހަކަށް އައިސް މަކަރާއި ހީލަތުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިފަދަ މައްސަލަތައް އިތުރުވަމުން އަންނާތީ ފުލުހުން އަންނަނީ މިފަދަ މައްސަލަތަކާއި މެދު އާއްމުން ސަމާލުވެ ތިބުމަށް ތަކުރާރުކޮށް އެދެމުންނެވެ.