ރިޕޯޓް
ޑަބްލިއުޑީސީގެ މުސާރަ 2 ގުނަ ބޮޑު ކުރުމަށް ނިންމި އިރު، ސިވިލް ސާވިސް މުވައްޒަފުންގެ ކުރިއެރުން ހުއްޓުވާފަ

ޑަބްލިއުޑީސީ ފަދަ އިންތިޚާބީ މަޤާމްތަކުގެ މުސާރަ 2 ގުނަ ބޮޑު ކުރުމަށް ނިންމި އިރު، ދިވެހި ސިވިލް ސާވިސް މުވައްޒަފުންނަށް ލިބެންޖެހޭ ވަޒީފާގެ ކުރިއެރުން ބަޖެޓް ނެތިގެން ވަނީ ހުއްޓުވާފައެވެ.

ޑަބްލިއުޑީސީ ނުވަތަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކުރާ ކޮމިޓީ ފަދަ އިންތިޚާބީ މަޤާމްތަކުގެ މުސާރަ 2 ގުނަ ބޮޑުކުރުމަށް މިއަދު ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިހް ނިންމާފައިވާކަމަށް ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން މަބްރޫކް އަޒީޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ.

މިޚަބަރާއި ގުޅިގެން ހުވަދޫ ނިއުސްއަށް މަޢުލޫމާތު ދީފައިވާ ނަން ހާމަކުރަން ބޭނުން ނުވާ ސިވިލްސާވިސް މުވައްޒަފަކު ބުނެފައިވަނީ، ލިބޭ މުސާރައިން ދެކޮޅު ނުޖެހޭ ހާލު، ދަރަނިވެރިވެގެން، މަތީ ތަޢުލީމުގެ ކޯސްތައް ފުރިހަމަ ކޮށް، ވަޒީފާގެ ކުރިއެރުން ހަމަޖެއްސުމަށް ސިވިލް ސާވިސް އަށް ލިޔުމުން ޖަވާބުގައި ބުނަނީ، ވަޒީފާގެ ކުރިއެރުން ހަމަޖެއްސުމަށް، އެމުއައްސަސާއެއްގެ ބަޖެޓުން އެޚަރަދު ކުރެވެން ހުރިކަން ބަޔާންކޮށް މާލީ ޒިންމާދާރު ވެރިއެއްގެ ސޮޔާއިއެކު ފުނުވުމަށެވެ.

އަދި މިކަމާއި ގުޅިގެން ވަޒީފާ އަދާކުރާ އޮފީސްތަކުގެ މާލީވެރިން މިނިސްޓްރީ އޮފް ފިނޭންސަށް ގުޅުމުން، އެކަމުގެ މަޝްވަރާތަށް ކުރިޔަށް ދާކަމަށާއި، ވަކިގޮތެއް އަންގަން ދެން މުސާރައިގެ ކުރިއެރުން ހަމަޖެއްސުން މަޑުޖެއްސުމަށް ފިނޭންސުން އަންގާފައިވާކަމަށް މުވައްޒަފު ބުނެއެވެ. އަދި މަޢުލޫމާތު ލިބޭ ގޮތުގައި ބަޖެޓް ނެތިގެން ވަޒީފާގެ ކުރިއެރުން ވަނީ މަޑުޖެހިފައި ކަމަށް އެފަރާތުން ބުނެއެވެ.

ހުވަދޫ ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މަތީތައުލީމު ނިންމައި ވަޒީފާގެ ކުރިއެރުން ހަމަޖެއްސުމަށް މިއަހަރު ޖޫންމަހުގެ ފަހުން ހުށަހަޅާފައިވާ ގިނަ ސިވިލް ސާވިސް މުވައްޒަފުންނަށް ވަނީ ބަޖެޓްގެ ދަތިކަމާއި ގުޅިގެން ވަޒީފާގެ ކުރިއެރުން ހަމަ ނުޖެހިފައެވެ. ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ސަރުކާރުން ހަމަޖައްސާފައި ވީނަމަވެސް، އެއަށްވުރެ މަތީ ސަނަދަކަށް ކިޔަވާނަމަ، ބޮޑު ޚަރަދެއް އަމިއްލަޔަށް ކުރަންޖެހެއެވެ.

މަތީ ތަޢުލީމު ހާޞިލް ކުރުމަށް ނަމުގައި ލޯނު ހަޔަރ އެޑިއުކޭޝަނުން ދޫކުރި ނަމަވެސް، ގިނަ ލޯނުތައް އަމާޒު ކުރެވިފައި ހުރީ ރާއްޖެއިން ބޭރުގެ ކޯސްތަކަށް އެކަންޏެވެ. ބޭންކް އޮފް މޯލްޑިވްސް ފަދަ ބޭންކުތަކުން މަތީތަޢުލީމަށް ކިޔެވުމަށް ލޯނެއް ހޯދުމަކީވެސް ދަތި އުދަނގޫ ކަމެއްގެ ގޮތުގައި މަތީތައުލީމު ހާޞިލްކުރާ ގިނަ ފަރާތްތަކުން ބުނެއެވެ.

ކިޔެވުމަށް ދޫކުރާ ސްޓޫޑެންޓް ލޯން ދޫކުރުމުގައިވެސް ރަހުނު ބަހައްޓަން ޖެހޭ، ގޯތީގެ ރަޖިސްޓްރީ ނުވަތަ ކޮންމެވެސް ވެހިކަލެއް ނުވަތަ އޮޑިފަހަރު ފަދަ އެއްޗެއް ރަހުނުކުރަން ޖެހޭތީ، މާލީ އެހީތެރިކަން ބޭނުންވާ ނިކަމެތި މީހާއަށް ލޯނެއް ލިބޭނެ ގޮތެއް ނެތެވެ. މިފަދަ ދަތި ހާލެއްގައި ދަތިހާލުގައި ކިޔަވައި ނިންމައި ސެޓްފިކެޓް ހާޞިލްކުރުމުންވެސް، ނިކަމެތި މުވައްޒަފުންނަށް ހައްޤުވާ ވަޒީފާގެ ކުރިއެރުން ކޮންމެފަދަ ސަބަބަކާއި ހުރެ ނަމަވެސް ނުލިބި ދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

ޑަބްލިއުޑީސީ ނުވަތަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކުރާ ކޮމިޓީ ފަދަ އިންތިޚާބީ މަޤާމްތަކުގައި މަސައްކަތް ކުރާ ފަރާތްތަކަކީވެސް، އަންހެނުންގެ ތަރައްޤީއާއި ގުޅިފައިވާ ވަރަށް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ބަޔެކެވެ. އިންތިޚާބީ މިފަދަ މަޤާމްތަކަށްވެސް، އެކަށީގެންވާ ތަޢުލީމީ ބޭފުޅުން މިފަހަކަށް އައިސް ކުރިމަތިލައެވެ. އެބޭފުޅުންނަށްވެސް، އެކަށީގެންވާ ފުދުންތެރި މުސާރައެއް ލިބެންޖެހެއެވެ. ހަމަ މިބީދައިން މަތީތަޢުލީމު ހާޞިލްކޮށް ވަޒީފާގެ ކުރިއެރުން ހައްގުވެ، ކުރިއެރުން ނުލިބިވާ ފަރާތްތަކަށް، ހައްޤުވާ މުސާރައިގެ ކުރިއެރުން ލިބޭނެ އިންތިޒާމެއް ހަމަޖެހެން ޖެހެއެވެ.

Comment