އެމްޑީޕީގެ އެތެރޭގެ ދާއިރާ އިންތިހާބުގައި އޮންނާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.
މަހުލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން އޭނާ ޝަރުތު ހަމަނުވާ ކަމަށް ނިންމި ނިންމުން މުރާޖާކޮށްދިނުމަށް އެދި އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީ އަދި އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.
މަހްލޫފަށާއި އަކްރަމަށް އެމްޑީޕީން ފޮނުވި ސިޓީއެއްގައި ބުނީ އެ ދެ ބޭފުޅުންގެ މައްސަލައެއް އޭސީސީން ބަލަމުން އަންނަ ކަމަށާއި، އެ ބޭފުޅުން އިންތިހާބަށް ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައި ކެންޑިޑޭޓުންގެ ލިސްޓުން އުނިކޮށްފައިވާ ކަމަށެވެ.
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށް ވާދަނުކުރެވެނީ ކޮރަޕްޝަނާ ގުޅުން ހުރި މައްސަލަތަކެއް އޭސީސީން ބަލަމުން ދާތީ އެވެ.
މަހުލޫފު އިއްޔެ ވިދާޅުވީ ޤާނޫނުން ލިބިދޭ ހައްގެއް ނިގުޅައި ނުގަނެވޭނެކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ކަމަށާއި މަޖިލިސް މެންބަރުކަމުގެ އިތުރުން ކައުންސިލް އިންތިހާބުގައި ވާދަކުރެއްވުމަށްވެސް ޝަރުތު ހަމަވާއިރު ޕާޓީގެ އެތެރޭގެ އިންތިޚާބަކަށް ޝަރުތު ހަމަނުވުން ދެކޮޅުނުޖެހޭ ކަމަށްވެސް މަހުލޫފު ވިދާޅުވިއެވެ.