ސޯޝަލް މީޑިއާގައި ރާއްޖޭގެ ރީތިކަން ދެއްކުމަކީ މިހާރަކަށް އައިސް ދިވެހިން ވަރަށް ގިނައިން ކުރާކަމެކެވެ. އެބަޔަކު ދިރިއުޅޭ ރަށުގެ ނަލަކަން އެކި ގޮތްގޮތަށް ދެއްކުމަށް ކޮންމެ ރަށެއްގައިވެސް މަސައްކަތްތަކެއް ކުރެއެވެ. ހާއްސަކޮށް މިހާރުގެ ޒުވާނުން މިކަމުގައި ބުރަކޮށް އުޅޭތަން ފެނެއެވެ. ވިޒިޓް ކުރިއަށް ލުމަށްފަހު އެމީހެއްގެ ރަށުގެ ނަން ފަހަތަށް ގެނެސް ނުވަތަ އެފަދަ ކޮންމެވެސް ނަމެއްގައި ފޭސްބުކް ޕޭޖްހަދައި، ރަށުގެ ރީތި ފޮޓޯތަކާ ވީޑިއޯތައް ލުމަކީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރާ ކަމެކެވެ.
އެގޮތުން ހުވަދު އަތޮޅު ފިޔޯރީ، ހިލްޓަން އަހްމަދު އާސިފްއަކީ މިދެންނެވި ފަދައިން ގދ ފިޔޯރީ ނަލަކަމާ ގުދުރަތީ ރީތިކަން ދުނިޔެއަށް ދެއްކުމަށް ތަފާތު މަސައްކަތެއް ކުރަމުން އަންނަ ޒުވާނެކެވެ. އޭނާއަށް ލިބިފައިވާ ފޮޓޯ ނެގުމުގެ ހުނަރު ބޭނުން ކޮށް ރަށާ ރަށުގެ ވަށައިގެންވާ ޗާލުކަން ދެއްކުމަކީ ކޮންމެ ދުވަހަކުވެސް އުފަލުން ކުރަމުން އަންނަ ކަމެކެވެ.
އާސިފްގެ އުފަން ރަށް ކަމަށްވާ ފިޔޯރީ ސޯޝަލް މީޑިއާއިން ދައްކާލުމުގެ ޝައުގުވެރިކަން އުފެދުނީ 2009 އަހަރުއެވެ. އެގޮތުން “ފިޔޯރީ އައުޓްލައިން” ނަމުގައި ފޭސްބުކް ޕޭޖެއް ހަދައި އެރަށުގެ ހަބަރާ މައުލޫމާތު ގެނެސްދޭން ފެށިއެވެ. އެކަން ވެގެންދިޔައީ މުޅި ރަށަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމަކަށެވެ. އާންމުންގެ ސަމާލުކަން ލިބުނު ކަމަކަށެވެ. އެގޮތުގައި 6 އަހަރު މަސައްކަތް ކުރުމަށްފަހު 2015 ވަނަ އަހަރު އަމިއްލަ ޑިޖިޓަލް ކެމެރާއެއް ހޯދާ ކުރިން އާދައިގެ ފޯނަކުން ކުރަމުން އައި މަސައްކަތް ބަދަލުކޮށްލިއެވެ.
“ދިވެހިރާއްޖޭގެ ޤުދުރަތީ ރީތިކަމަކީ އަބަދުވެސް ވަރަށް ބަލައިގަންނަކަމެއް. އަބަދުވެސް ހިތަށްއަރާ އެހިތްގައިމު މަންޒަރުތައް އެހެން މީހުންނަށް ދެއްކޭނީ ކޮން ދުވަހަކުން ބާއޭ. އެޝައުގުވެރިކަން ހުންނާތީ ފޯނުން އަދި ކެމެރާއިން މަސައްކަތް ފެއްޓީ.” ފިޔޯރީގެ ގުދުރަތީ ރީތިކަމާ ރަށްވެހި ދިރިއުޅުން ޝޯޝަލް މީޑިއާއަށް ދެއްކުމުގެ ޝައުގުވެރިކަން އުފެދުނު ގޮތް ކިޔައިދެމުން އާސިފް ބުންޏެވެ.
އާސިފް ބުނީ ރަށުގެ ރީތިކަން ފޮޓޯތަކުން އަދި ވީޑިއޯތަކުން ދައްކަން އޭނާ ކުރާ މަސައްކަތަކީ އޭގެ ތެރެއިން އެއްވެސް އާމްދަނީއެއް ހޯދުމުގެ ނިޔަތުގައި އޭނާ ކުރާކަމެއް ނޫން ކަމަށެވެ. ރަށުގައި ހިންގާ ތަފާތު އިވެންޓްތައް ފޮޓޯނަގައި އެފޮޓޯތައް ހަބަރާ މައުލޫމާތުގެ ގޮތުގައި ބޭނުން ކުރުމުގެ އިތުރުން އެފޮޓޯތަކުން ފެންނަ މީހުންނަށް ފޮޓޯ ދިނުމަކީ އޭނާ ކޮންމެ ދުވަހަކުހެން ހިލޭ ސާބަހަށް އުފަލެއްގެ ގޮތުގައި ކުރާ ކަމެކެވެ. އެފަދަ ފޮޓޯއަކުން އެއްވެސް ވަރެއްގެ އާމްދަނީއެއް އޭނާ ނުހޯދައެވެ.
“ރަށުގަ މިހެން އުޅޭ އުޅުމުގައި ވެޑިން ފޮޓޯތައްވެސް ނަގަން. ބައެއްފަހަރު އެމީހުން ހަދިޔާއެއްގެ ގޮތުން އެއްޗެއް ދީފާނެ. އެހެން ނޫނީ ފޮޓޯ ލައިފް ކުރިޔަށް ގެންދަނީ ރަށަށް ހުންނަ ލޯތްބަކަށް ހިލޭ.” ފިޔޯރީ ސްކޫލްގަިއ ވަޒީފާ އަދާކުރަމުންދާ އާސިފް ބުންޏެވެ.
ފޮޓޯއެއް ނެގޭނެ ފަދަ ޗާލު ދުވަހެއް އައިއްސިއްޔާ ކެމެރާ ހިފައިގެން ނުކުމެ ރަށުގެ ކޮންމެވެސް އެއްދިމާލެއްގައި އާސިފް އުޅޭނެއެވެ. ރަށުގެ ވަށައިގެންވާ މާހައުލުގެ ފޮޓޯއެއް ނުނަގާ ކަމަށް ވަންޏާ ޑްރޯންއެއް މައްޗަށް އަރުވައިގެން ވިޔަސް އެދުވަހެއްގެ ނަލަކަން ނަގާނެއެވެ.
އުމުރުން 34 އަހަރުގެ ހިލްޓަން އާސިފް ފޮޓޯތައް ވަރަށް ގިނައެވެ. ފޭސްބުކް އިންސްޓަގްރާމުން ކޮންމެ ދުވަހަކުވެސް ފޮޓޯތަކާ ވީޑިއޯ ފެންނާނެއެވެ. އޭގަ އެންމެ ފާހަގަކޮށްލެވޭ ކަމަކީ އޭނާގެ ފޮޓޯތަކާ ވީޑިއޯތަކުން މުޅިންވެސް ފެންނާނީ ފިޔޯރީއާއި ފިޔޯރީއެވެ. ފިޔޯރީގެ މޫދާ ގޮނޑުދޮށެވެ. ވަށައިގެންވާ ރީތި ފަޅުރަށްތަކެވެ. އެރަށުގައި މީހުން ދިރިއުޅޭ ގޮތެވެ. ކުޅޭ ކުޅިވަރުތަކެވެ. ރަށުތެރޭ އެކިއެކި މަންޒަރުތަކެވެ.
އާސިފްގެ ހިތުގައި ރަށަށް ހުންނަ ލޯބި ފެނިގެންދާ އެހެން ކަމެއްވެސް އަޅުގަނޑަށް ފާހަގަ ކުރެވުނެވެ. އެއީ “ރަޓު ފޮޓޯ’ ނަމުގައި އާސިފް ހިންގާ ފޭސްބުކް ޕެޖާ އިންސްޓަގްރާމެވެ. މިދެމީޑިއާ ބަލާލުމުންވެސް އިނގުނީ ކޮންމެ ފޮޓޯއަކާއި ވީޑިއޯއެއްގެ ފްރޭމްގައި ފިޔޯރީއަށް އައުމަށް ގޮވާލަ ކަމެވެ. ފަހަތުން ފެންނާނީ މުޅިންވެސް ރަށުގެ ގުދުރަތީ ރީތިކަމެވެ. ފިޔޯރީއަށް އަންނަން ދެވޭ ދައުވަތަކަށެވެ.
“އަޅުގަނޑު ޕޭޖްގައި މުޅިންވެސް ހުންނާނީ ފިޔޯރީގެ ފޮޓޯ. މޮޑެލް ސްޓައިލް އަދި ނޯމަލް ފޮޓޯ. މޮޑެލް ސްތައިލް އަދި ނޯމަލް ފޮޓޯތައް ހުއްޓަސް އެއިން ކޮންމެ ފޮޓޯއެއްގެ ބޭނުމަކީ ރަށް ދެއްކުން.” ރަށަށް ކޮށްދޭ ހިދުމަތެއްގެ ގޮތުގައި ފޮޓޯ ނަގައިދެމުންދާ އާސިފް ބުންޏެވެ.
ހިލްޓަން އާސިފް އާއި ބެހޭގޮތުން ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދު ވިދާޅުވީ، އާސިފްއަކީ ރަށް ދެކެ ވަރަށް ލޯބިވާ ޒުވާނެއް ކަމަށާއި، ރަށުގެ ތަރައްގީއަށް ކުރާ ކޮންމެ ހަރަކާތެއްގައި އޭނާގެ ހިއްސާ ވާނެކަމަށެވެ. އެގޮތުން ދާދި ފަހުން ރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ކުރުމަށް ޕީއެސްއެމް އިން ދެއްކި ޓެލެތޯންގައި ބައިވެރިކުރުމަށް ފިޔޯރީން ތައްޔާރުކުރި ވީޑިއޯ އައިޓަމްތައް ފައިޒަރު ފާހަގަ ކުރެއްވިއެވެ.
1.73 ކިލޯ މީޓަރު ދިގު އަދި 0.73 ކިލޯމީޓަރު ފުޅާ ފިޔޯރީގައި ދިރިއުޅޭ އަންހެނަކު ބުނީ ސްކޫލްގެ ހަރަކާތްތެރިވިޔަސް އަދި ރަށުތެރޭގެ ކަމެއްވިޔަސް އެކަމެއްގެ ފޮޓޯ ނެގުމުގައި ހިލްޓަން އާސްފް ހުންނާނެ ކަމަށެވެ. އަދި އެންމެ އުފާވަނީ އެއްވެސް ބުރަކަމެއް ދެއްކުމެއްނެތި ހިދުމަތެއްގެ ގޮތުގައި އޭނާ އެކަން ކުރާތީއެވެ.
ކޮންމެއަކަށް އާސިފްހުރީ އޭނާގެ މަސައްކަތުގައެވެ. އެކަމުގައި ކާމިޔާބީތައްވެސް އޭނާއަށް ފެނެއެވެ.
“މިކުރާ މަސައްކަތުގެ ކާމިޔާބީއެއް އެބައޮތް. ކާމިޔާބީ ދަނީ ލިބެމުން. އަޅުގަނޑާ އެއް މިންވަރަކަށް ރަށުގެ ގިނަ ޒުވާނުން ފިޔޯރީ އަކީ ރީތި، ހިތްގައިމު ތަނަކަށް ހެދުމަށް ބުރަ މަސައްކަތް ކުރޭ. އޭގެ ފައިދާ އަކީ މިރަށާމެދު މީހުން ޝައުގުވެރިވުން. ރަށް ބަލާލަން އައުމުގެ ވިސްނުން ގެންގުޅޭކަން އެނގުން.” އާސިފް ބުންޏެވެ.
އާސިފް އެބުނީ ތެދެކެވެ. ފިޔޯރީގެ ރީތިކަމުގެ ވާހަކަ ވަރަށް ގިނަ މީހުން ދައްކައެވެ. އެރަށަށް ދިއުމަށް ވަރަށް ގިނަ މީހުން ބޭނުންވާ ކަން އެނގެއެވެ. ފިޔޯރީގެ ޖަމްއިއްޔާތަކާ ޒުވާނުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތުން ރަށަށް ގެނެސްފައިވާ ބަދަލު ވަރަށް ބޮޑަށް ފެނެއެވެ. ރަށުގެ ސާފުތާހިރުކަމާ ރަށުގެ އެކި ދިމަދިމާލުގައި ޒުވާނުން ކޮށްފައި ހުރަން ފަންނުވެރި މަސައްކަތްތަކުން އެކަން ވަރަށް ބޮޑަށް ސިފަވެއެވެ. ހާއްސަކޮށް ރަށުގެ “ހުއްޓޭ ކޮޑާ” ސަރަހައްދު ފާހަގަކުރެވެނީ ރިސޯޓެއް ފަދަ ތަނެއްގެ ގޮތުގައެވެ. ރަށުން ބޭރުގައި ދިރިއުޅޭ މީހުންނަށް އެރީތިކަން ފެންނާނީ ރަޓު ފޮޓޯ ވިޒިޓް ފިޔޯރީ ފަދަ ޕޭޖްތަކުންނެވެ. އާސިފްގެ މަސައްކަތަކީ އެއީއެވެ. އެހެންމީހުންނަށް ރަށް ދެއްކުމެވެ. އެމަންޒަރުތަކުން އެވެރިންގެ ހިތަށް އުފާވެރިކަން ގެނައުމެވެ.
ހިލްޓަންގެ މަސައްކަތަށް ހަމަ ސާބަސް ބުނެލަން އެންމެ ރަގަޅެވެ. ތިގޮތުގައި ޒުވާނުންނާ އެއްގަލެއްގައި، އެއްސަފެއްގައި ދެމިހުރެއްޖެ ނަމަ ފިޔޯރީ ވެގެންދާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ދުނިޔޭގެ އެކި ދިމަދިމާލުން މީހުން ޒިޔާރަތް ކުރާ ރަށަކަަށް ކަން ޔަގީނެވެ.