މިސަރުކާރުން ލާމަރުކަޒީ ގާނޫނު ތަންފީޒުކުރުމަށް އެއްބާރުލުން ނުދޭތީ ލަދުވެތިވާކަމަށް މައްޗަންގޯޅި މެދުދާއިރާގެ ކައުންސިލަރ އަހުމަދު ޒަމީރު ވިދާޅުވެއްޖެއެވެ.
ޒަމީރު މިހެން ވިދާޅުވީ, މާލެސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ކުރެއްވި ޓުވީޓަކަށް ރިޕްލައި ކުރައްވަމުންނެވެ. އެގޮތުން އޭނާ ވިދާޅުވެފައިވަނީ މިސަރުކާރުން ލާމަރުކަޒީ ގާނޫނު ތަންފީޒުކުރުމަށް އެއްބާރުލުން ނުދޭތީ, އެމްޑީޕީ މެމްބަރެއްގެ ގޮތުން އަދި ދެވަނަ ދައުރުގެ އެމްސީސީގެ ކައުންސިލަރ އެއްގެ ހައިސިއްޔަތުން ލަދުވެތިވާކަމަށެވެ.
މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ކުރައްވާފައި ޓުވީޓުގައި ވިދާޅުވެފައިވަނީ, އިންތިހާބުގެ ދުވަސްވަރު ސަރުކާރުން ވިސްނައިދެމުން ދިޔައީ ލާމަރުކަޒީ ނިޒާމަކީ އެބޭފުޅުންގެ ދަރިއެކޭ ކިޔާފައި ކަމަށާއި, އަމަލީ މައިދާނުގައި ގާނޫނު ތަންފީޒު ކުރަން ޖެހުމުން ސަރުކާރު ޕާޓީއަށް މެޖޯރިޓީ ނުލިބުނީމަ މިފެންނަ ނިޒާމް އޮޅާޅާ ކައުންސިލްގެ އިހްތިސް އަށް އަރައިގަންނަ މަންޒަރު ކަމަށެވެ.
މިކަމާއި ގުޅިގެން ހުވަދޫ ނިއުސް އިން ނަރީޝް އަށް ގުޅާލުމުން ވިދާޅުވީ, މިސަރުކާރުން ލާމަރުކަޒީ ނިޒާމް ފަހަތުފަޔަށް ބުރަވެ ހިންގަން އުޅޭތީވެ އެމްޑީޕީގެ މެމްބަރުން ވެސް ތިއްބެވީ މާޔޫސްވެފައި ކަމަށާއި, ލާމަރުކަޒީ ނިޒާމް ހިންގަން އެންމެން ކުރާ މަސައްކަތަށް ހުރަސް އެޅިފައިވާ ކަމަށެވެ.