ފެންޑާ
ހަޤީގީ ވާހަކަ: އަހަރެންގެ ކަރުނަޔަކީވެސް ކަލާގެ ހައްގެއް

” ދުރުވިޔަސް މާދުރުނުވައްޗޭ، ލޯމަތިން ގެއްލޭ ވަރަށް
ރުޅިވިޔަސް ރުޅިނުވައްޗޭ، ހާލުނުބެލޭހާ ވަރަށް “

އަންޖަލްގެ އަޑު ޖެހުމާއެކު ނާފް ފުންމައިގެންތެދުވެ ދުއްވައިގަތެވެ. ގޭގެ ދޮރުހުޅުވާލާފައި ބޭރަށް ނުކުމެ ބަލާލިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެއަޑު އަދި އެއްފަހަރު އިވޭނެ ނަމައޭ ހިތަށް އެރުމުން އަޑުން އަޑުނަގާރޮވުނެވެ. ނާފްގެ ހިތާއި ސިކުނޑީގައި އަބަދުވެސް އެބުރެމުންދަނީ އަންޖަލްގެ ހިޔާލުތަކެވެ.

އަންޖަލްއަކީ ނާފްގެ ފުރާނަ ފަދަ ލޯބިވާ އަނބިމީހާއެވެ. ނާފްގެ ދިރިއުޅުމަށް އަންޖަލް އައީ ޖެހިލި ވައިރޯޅިއެއްފަދައިންނެވެ.

އެއީ މީގެ ދެއަހަރުކުރިއެވެ. އަންޖަލް އާއި ނާފް ދިމާވަނީ އިންސްޓާގްރާމުންނެވެ. އަންޖަލްގެ ހިތް ހޯދައިގަތުމަކީ ނާފްއަށް އުދަގޫ ކަމަކަށް ނުވިއެވެ. ރައްޓެހިވެގެން މާގިނަ ދުވަސް ނުވަނީސް ނާފް ބޭނުންވީ ކައިވެނިކުރާށެވެ. އެދެކުދިންގެ ކައިވެނި ވެގެންދިޔައީ މުޅިރަށުގައިވެސް އެންމެ ކުލަގަދަކޮށް ބޭއްވުނު ކާވެންޏަށެވެ. ކާވެންޏަށްފަހު ދެކުދިން އުޅެމުން އައީ ވަރަށް އުފަލުގައެވެ. ނާފްއަކީ ވަރަށް ޒިންމާދާރު އަނބިމީހާއަށް ހެޔޮ ރަނގަޅު ފިރިއެކެވެ. އެހެންނަމަވެސް އަންޖަލްއަކީ ގިނަ ރައްޓެހިން ގެންގުޅޭ އަބަދު ރައްޓެހިންނާއެކު ވަގުތު ހޭދަކުރާ ފަރުވާކުޑަ އަންބެކެވެ.

ނާފް ހިތްހަމަނުޖެހޭ ކިތަންމެ ކަމެއް އަންޖަލްގެ ކިބައިން ފެންނަމުންދިޔައެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމަކާ ނާފް އުފްވެސް ނުބުނާނެއެވެ. ކޮންމެ ރެޔަކު އަންޖަލް ބޭރަށް ގޮސްސަ އަންނަނީވެސް އެހާ ލަސްވާފަހުންނެވެ. އެހެންނަމަވެސް ނާފް ހުންނަނީ އެގޭ ކަންތައް ނޭގޭ ކަމަށް ހަދައިގެންނެވެ. އެހެން އުޅެނިކޮށް އަންޖަލް ބަލިވާން ފަށައިފިއެވެ. މިކަމާ ނާފް ހުންނަނީ ވަރަށް ދެރަވެފައެވެ. އޮފީސް ގަޑި ނިމުމުން ނާފް އުޅެނީ އަނބިމީހާގެ ޚިދުމަތުގައެވެ. ނާފް އުޅޭ ގޮތުން ބައެއްފަހަރު އަންޖަލް ބުނަންވެސް ބުނެއެވެ. “ތިކަހަލަ ފިރިހެނަކު ދުނިޔޭގައި މަދުވާނެއެވެ.”

ޑޮކްޓަރަށް ދައްކާ ޓެސްޓު ހެދުމުންވެސް އަންޖަލްއަށް ވާގޮތެއް ނޭގުނެވެ. ކޮންމެ ޑޮކްޓަރަކުވެސް ދެނީ ތަދުކަޑުވާ ބޭހެކެވެ. އަންޖަލްގެ ބަޑަށް ތަދުވެފައި އަބަދު އަބުރައިގަނެގެން ވެއްޓެނީއެވެ.

ނާފް ޗުއްޓީ ނަގައިގެން އަންޖަލް ގޮވައިގެން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔައެވެ. މަސްދުވަސް ބޭސްފަރުވާގައި ހޭދަވިއިރުވެސް އަންޖަލްގެ ބައްޔަށް ފަރުވާއެއް ނުލިބުނެވެ.

އެހެންކަމުން އެނބުރި އައީ ނާއުއްމީދާއެކުގައެވެ. ހުޅުލޭ އެއަރޕޯޓުގެ ކެންޓީނުގައި ދެކުދިން ތިއްބާ މުސްކުޅި އުމުރުފުރައިގެ މީހަކު އައިސް ކުރިމަތީ އިން ގޮޑިއެއްގައި އިށީނެވެ. އެމީހާ ދެއްކީ ނާފްއަށް ޤަބޫލުކުރަން ދަތި ވާހަކަތަކެކެވެ.

އަންޖަލްގެ ބަލި ދުވަހަކުވެސް ރަނގަޅުނުވާނެކަމަށާއި އަދި ދުވަސްކޮޅަކުން އަންޖަލް މަރުވާނެކަމަށް އެމީހާ ބުނަމުންދިޔައެވެ. ނާފް ރުޅިއައިސްގެން ހާޅޭއްލަވައިގަތެވެ. އެމީހާގެ ވާހަކަތައް އަޑުއަހާފައި އަންޖަލްއަށް ރޮވުނެވެ. އެމިހާ ބުނާގޮތުގައި އަންޖަލް ބަނޑުބޮޑެވެ. ނަމަވެސް އަންޖަލްގެ ބަނޑުގައި އޮތީ ޖިންނި ކުއްޖެކެވެ. އޭގެ ސަބަބުން އަންޖަލް ބަލިވަނީ ކަމަށާއި އެޖިންނި އަންޖަލް މަރާލާނެކަމަށް އެމީހާ ބުނަމުން ދިޔައެވެ. އެހެންނަމަވެސް އެއިން އެއްވެސް ވާހަކައެއް ނާފް ޤަބޫލެއް ނުކުރިއެވެ. ބޭނުމެއް ޖެހިއްޖެނަމަ ގުޅާލާށޭ ބުނެ އަންޖަލްގެ އަތަށް ގަނޑުކޮޅެއް ދީފައި އެމީހާ ދިޔައީއެވެ.

އެމީހާ ދެއްކި އެއްވެސް ވާހަކައަކާމެދު ނުވިސްނުމަށް ނާފް ނަސޭހަތްދެމުންދިޔައެވެ. ނާފްއަށް ޤަބޫލުނުކުރެވުނަސް އަންޖަލްއަކީ ފަންޑީތަވެރިކަމަށް ޤަބޫލުކުރާ ކުއްޖެކެވެ. އެހެންކަމުން އެދުވަހަށްފަހު އަންޖަލް ވިސްނަމުން ދިޔައީ އެނުދަންނަ މީހާ ދެއްކި ވާހަކައަށެވެ. އަންޖަލްގެ ހަށިގަނޑުގެ ތެރޭގައި އެއްޗެއް އުޅޭކަމުގެ އިހުސާސް ވާންފެށީ ބަނޑަށް ތިންމަސްވިފަހުންނެވެ. އަންޖަލްގެ ބަޑު ނުކުންނަށް ފެށުމުން ނާފްވެސް ހުރީ ހައިރާންވެފައެވެ. ސަބަބަކީ އެތައް ފަހަރެއްގެ މަތިން ޓެސްޓު ހެދުމުންވެސް ޑޮކްޓަރު ބުނަނީ އަންޖަލް ބަނޑުބޮޑު ނޫންކަމަށް ވާތީއެވެ.

އެދެމަފިރިންގެ ދިރިއުޅުމަށް އެޅުނު ހިޔަނީގެ ސަބަބުން އެދެމަފިރިންގެ ގުޅުން ހީނަރުވަމުންދިޔައެވެ. ނާފް ގިނަވަގުތު ގޭގައިނޫޅެއެވެ. ނާފްއަށް ވިސްނޭގޮތުގައި އަންޖަލް އޭނައަށް ބޭވަފާތެރިވީއެވެ. އެހެންވެ އެކަން ފޮރުވަން އަންޖަލް މަސައްކަތްކުރަނީ ކަމަށެވެ. ރައްޓެހިން ސުވާލުކުރުމުން ނާފްގެ ޖަވާބަކަށް އަންނަނީ “ފުރާ ކޮންމެ އޮޑިއެއް މަންޒިލަކަށް ނުދާނޭ، ބަޔެއް އޮޑި އޮޔާބެހި ގެއްލިގެންދާނޭ” އެވެ.

އާދައިގެ މަތިން ދުވަހެކެވެ. ނާފް އޮފީހުގައި އުޅުމަށްފަހު ގެޔަށް އައިއިރު އަންޖަލް އޮތީ ބިންމައްޗަށް ވެއްޓިފައެވެ. އެއީ ނާފްއަށް އާ ކަމަކަށް ނުވިއެވެ. އެހެންކަމުން އަންޖަލް ނަގާ ސޯފާގައި ބާއްވާފައި ގޮސް ނާފް ނިދީއެވެ. ދެތިންގަޑިއިރު ނިދާލުމަށްފަހު ހޭލައިގެން ބަލާލިއިރު އަންޖަލް އޮތީ ނާފް ބޭއްވި ގޮތަށެވެ. އެހެންކަމުން އެއްޗެކޭ ހީވެގެނގޮސް ބަލާލިއިރު ސޯފާގައި އޮތީ އަންޖަލްގެ ފުރާނަނެތް މަސްގަނޑެވެ.

ނާފްއަށް ހީވީ މެޔަށް ހޫނުފެންއެއްޗެއް އަޅާލިހެންނެވެ. އަންޖަލް އަތްމައްޗަށް ނަގައިގަނެގެން ދުއްވައިގަތީ ހޮސްޕިޓަލާދިމާލަށެވެ.

އަންޖަލްގެ ވަކިވެގެން ދިޔުން ވެގެންދިޔައީ ނާފްއަށް ކެތްނުކުރެވޭފަދަ ވޭނަކަށެވެ. އެކަނިވާ ކޮންމެވަގުތަކު އަންޖަލްގެ އެއްޗެހީގައި ބޮސްދީހަދައެވެ. ކެއިންބުއިމާއި ދުރުވެ އަބަދުހެން ނާފްގެ ކަމަކަށް އޮންނަނީ ރުއިމެވެ.

އަންޖަލްއަކީ ޑައިރީ ލިޔާ ކުއްޖެއްކަން ހަދާންވެގެން ނާފް އަންޖަލްގެ ޑައިރީ ހޯދަން ފެށިއެވެ. އަންޖަލްގެ ސާމާނުތަކުގެތެރެއިން ޑައިރީ ފެނުމުން ނާފްއަށް ހިތްހަމަޖެހުމެއް ލިބުނެވެ.

ޑައިރީ ކިޔަމުން ދަނިކޮށް ނާފްގެ ލޮލުގައި އަޅާއިގަތީ އެންމެ ފަހު ސަފްހާގައި ލިޔެފައިވާ ޖުމްލަތަކެކެވެ.

“ލޯބިވާ ނާފް. އަހަންނަށް މިހާރު ހުރިހާ ކަމެއް އެގިއްޖެ. އަހަންނަށް މިހެން ދިމާވީ ކޮންއިރަކު އަދި ކީއްވެގެންކަންވެސް އެގިއްޖެ. އެކަމަކު އެވާހަކަތައް އަހަރެން ނާފްކައިރީ ކިޔައިދޭނެ ގޮތެއްވެސް އަހަންނަކަށް ނޭގެ. މީގައި އަހަރެންގެ އެއްވެސް ކުށެއްނެތް. ނާފްގެ ސިފައިގައި އައިސް ކޮންމެ ރެޔަކު އަހަރެން ގޮވައިގެން ތުނޑިޔަށް ދާންފެށި ހިސާބުން އަހަރެން ބަލިވާން ފެށީ. އަހަރެން މިއަދާ ހަމަޔަށް ހީކުރަމުން އައީ އެއީ ނާފްކަމަށް. އެކަމަކު އެއީ ނާފްގެ ސިފައިގައި ހުރި ޖިންނިއެއް. އަހަންނާ އަވަލާފައިހުރި ޖިންނިއެއް. މިއަދު އަހަރެންގެ ބަނޑުގައި މިއޮތީ އެޖިންނިގެ ދަރިއެއް. މިހާރު ނާފްގެ ހިތަށް އަރާނެ އަހަންނަށް އެގުނީ ކިހިނެއްބާއޭ! މިއަދު އަހަރެން ބަދިގޭގައި ހުއްޓާ މީހަކު އައިސް ފަހަތުން ބައްދާލުމުން އަހަރެން އެނބުރި ބަލާލިއިރު އެއީ ނާފް. ނާފް ބުނަމުން ދިޔައީ ވަރަށް އަވަހަށް އަހަރެމެންގެ ދަރި އުފަންވާނެކަމަށް. ނުވަމަސް ނުވަނީސް އަހަރެން ވިހާނެކަމަށް. އެހެން ވާހަކަ ދައްކަން ފެށުމުން އަހަރެން ރުޅިގަދަކުރީމަ އެޖިންނި އަހަރެން ކުރިމަތީ ސިފަ ބަދަލުކުރީ އަދި އަހަންނަށް ހުރިހާ ހަޤީގަތެއް ކިޔައިދީފި. ލޯބިވާއެވެ. ނުކުރާ ކުށަކަށް އަހަންނަށް މާފްކުރާށެވެ. އިންތިހާއަށް ލޯބިވަމެވެ. ހިތްއެކީ ހިބަކޮށްދިނީމެވެ. ހިތުގައި ޖަހާ ކޮންމެ ވިންދެއް އަބަދުވެސް ތިނަން ކިޔާނެއެވެ. ކިތަންމެ ބޭނުންނުވިޔަސް މިއަދު ބުނެވޭނީ އަހަންނަކީ ބޭވަފާތެރިއެކެވެ. އަހަންނަށް މިވޭނުގައި ކެތް ނުވާނެއެވެ. އަހަންނަށް މާފްކުރާށެވެ. މިދުނިޔޭގައި ނެތަސް އަހަރެން އަބަދުވެސް ކަލާއާއެކު ވާނަމެވެ.”

ޑައިރީ ކިޔާ ނިންމާލިއިރު ނާފްގެ ދެލޯވަނީ ކަރުނުން ފުރިފައެވެ. ފުރާނަފަދައިން ލޯބިވީ އަނބިމީހާ އެންމެ ހާލުގައި އުޅުނު ދުވަހު ނާފްގެ އަޅާލުމާއި ލޯބި ބޭނުންވި ވަގުތު އެލޯތްބާ އަޅާލުން ނުދެވުނީތީ އިންތިހާއަށް ދެރަވިއެވެ. އަމިއްލަ ނަފްސަށް ނަފްރަތުކުރެވުނެވެ.

ރޮއިރޮއި އިން ނާފްގެ ހިޔާލީ ފޮލާ ކަހާލީ ވާރޭގެ ތިކިތަކުންނެވެ. ނާފް ދޮރުހުޅުވާލާފައި ގެޔަށް ވަންއިރު ގޭގައި ކަރަންޓުވެސް ނެތެވެ. މަޑުމަޑުން ހިގާފައި ނާފްދިޔައި ކޮޓަރިޔާ ދިމާލަށެވެ. ކޮޓަރިޔަށް ވަނުމުން ނާފްއަށް ލިބުނީ ހައިރާންކަމެކެވެ.

ކަނުއަނދިރީގައި ކޮޓަރީގެ އެދުގައި އީށީނދެގެން އިނީ އަންޖަލްއެވެ. އަންޖަލް ފެނުމުން ނާފް ހުރިހާ ކަމެއްގެ މަތިން ހަދާން ނެތުނުކަހަލައެވެ. މަޑުފިޔަވަޅުތަކެއްގައި ހިގާފައި އައިސް އަންޖަލްގެ ކައިރިޔަށް ހުއްޓުނެވެ. އަދި ބުންޏެވެ. ކަމަނާއެވެ. ކަމަނާ އަދިރީގައި ތިއިނީ ކީއްވެގެން ހެއްޔެވެ؟

“އަހަރެން ބައްތި ރޯކުރާ ކޮންމެ ފަހަރަކު ތިބާގެ ކަރުނައިން އެބައްތި ނިއްވާލައެވެ. ތިބާ ރޮއި ހިތާމަ ކުރާހާ ހިނދަކު އަހަރެންނަކަށް އަލިކަމެއްނެތެވެ. ރުއިން ހުއްޓާލާށެވެ.” މިހެންބުނެ އަންޖަލް ނާފްގެ ކަރުނަ ފޮހެދިނެވެ. ނާފް އަންޖަލްގެ އުގުގައި ބޯއަޅާލިއެވެ. ކުއްލިއަކަށް ކަރަންޓުވެސް އައީއެވެ. ނާފް ބަލާލިއިރު އޭނައަށް އޮވެވުނީ އެދުމަތީގައި ބޯއަޅާލައިގެންނެވެ.

އެދުވަހަށްފަހު ނާފް އެއްވެސް ގޮތަކަށް ރޮއި ނަހަދައެވެ. ނާފްގެ ކަރުނަވެސް އަންޖަލްއަށްޓަކައި ޤުރުބާންކޮށްލީއެވެ.

(މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ކުރު ވާހަކައެކެވެ.)

  1. ޒައިމާ

    ޥަރަށް ރީތި މިވާހަކަވެސް. ޢައްަޒަގެ ވާހަކަތަކުން އަބަދުވެސް ފެންނަމުންދަނީ ހިތާމަޔާ ހިތްދަތިކަން. ޢަނެއްކާ ދިރިއުޅުމާ ގުޅުމެއް ވަނީބާ!

  2. ދުޑަ ސޮރު

    ވަރަށް ރީތި ވާހަކައެއް