ތިނަދޫއަށް އަލުން މީހުން އާބާދުވާން ފެށިތާ 55 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މި އޮގަސްޓް 21 އަދި 22 ގައި ބާއްވާ ޚާއްސަ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ ތަމްސީލުގައި، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރ އަބްދުލް މުޣުނީ ފެނިގެން ދާނެއެވެ.
“ހުވަދޫ ނިއުސް” އަށް މައުލޫމާތު ދެމުން މި ތަމްސީލުގައި އިސްކޮށް މަސައްކަތް ކުރާ އެކަކު ކަމުގައިވާ ނައުފަލް ނަސީމް ބުނީ، މެމްބަރ މުޣުނީ ބައިވެރިވަޑައިގަންނަވާ މަންޒަރެއް މި ތަމްސީލުން ފެނިގެން ދާނެ ކަމަށެވެ. އަދި މި ތަމްސީލަކީ، ތިނަދޫ ދެވަނަ ފަހަރަށް އާބާދުވުމަށް ފަހުން ތިނަދޫ ގައި ތިބި ރައްޔިތުން ގެ މަސައްކަތް ފެންނަ ތަމްސީލެއް ކަމަށްވެސް ނައުފަލް ބުންޏެވެ.
ތިނަދޫ އަށް މީހުން އާބާދުވެގެން ދިޔަގޮތް ދައްކައިދޭ މިތަމްސީލަކީ ސްޓޭޖް ބައެއް ހަރަކާތްތަކަކާއެކު ކުޅެފައިވާ ބައެއް މަންޒަރު ހިމެނޭ ގޮތަށް މިއުޒިކާއެކު ތައްޔާރު ކުރާ ހަރަކާތްތަކެކެވެ.
ބުންނާރު ސްޓޫޑިއޯ ގެ ފަރާތުން މިއުޒިކް ތައްޔާރު ކުރާ ތަމްސީލަކީ ސްޓޫޑިއޯ 33 ގެ އެކްޓަރުންގެ މުހިންމު ރޯލެއް ފެނިގެން ދާ ބޮޑު ޙަރަކާތެކެވެ. މީގެ އިތުރުން އިވެންޓް ކާސްޓް ، ޗައްޕަލާ ސްޓޫޑިއޯ ގެ މުހިއްމު ދައުރެއް ހިމެނެއެވެ.
ތިނަދޫ ކައުންސިލުން އިސް ނަގައިގެން ތައްޔާރު ކުރާ މިތަމްސީލުގައި ރަށު ތެރޭގައި ކުރަން ޖެހޭ ޝުޓިންގގެ ބޮޑު ބައެއް ވަނީ ނިމިފައެވެ. ތިނަދޫގެ ގިނަބަޔަކު ބައިވެރިވާ މިތަމްސީލަކީ ތިނަދޫ އަލިދޯދި، އަބްދުﷲ އަފީފް ހައްދަވާފައިވާ “މި ރަޓާ ލެބީގެކުން ވަރިހަމައި” ޅެން އަސްލަކަށް ބަލައިގެން ތައްޔާރު ތަމްސީލެކެވެ.