ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އާންމުތަނެއްގައި ކޮވިޑުން ރައްކާތެރިވުމަށް އަޅަން އަންގާފައިވާ ފިޔަވަޅުތަކަށް އަމަލުނުކޮށް މާސްކް ނާޅައި އުޅެގެން އިނގިރޭސިވިލާތުގެ މީހަކު 6 ހަފްތާއަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައެވެ.
ބެންޖަމިން ގްލިން ނަމަކަށް ކިޔާ އެ އިނގިރޭސި މީހާ މައްޗަށް ކުރި ހަތަރު ދައުވާވެސް ސާބިތުވެއެވެ. އޭގެ ތެރޭގައި ރޭލަކަށް އެރިއިރު މާސްކު ނާޅައި ހުރުމާއި ކޯޓަށް ހާޒިރުވިއިރު މާސްކު ނާޅައި ހުރުމާއި އާންމުތަނެއްގައި އާއްމުންނަށް އުދަނގޫވާނެހެން އަމަލު ބެހެއްޓުމާއި ސިވިލް ސާވެންޓަކަށް އިންޒާރު ދިނުން ހިމެނެއެވެ. ގްލިންގެ އަމަލުތައް ކޯޓުގައި ހުރި ގޮތުން ހުކުމުން ކުރުމުގެ ކުރިން މައްސަލަ ބެއްލެވި ފަނޑިޔާރުވަނީ އޭނާގެ ސައިކޭޓްރިކް އެސެސްމެންޓެއް ވެސް ހެދުމަށް އަމުރުކޮށްފައެވެ.
ބުދަ ދުވަހު ގްލިން ވަނީ ކޯޓުގައި އޭނާ މައްޗަށްކޮށްފައިވާ ދައުވާތަކަކީ ގާނޫނާއި ހިލާފް ދައުވާތަކެއް ކަމަށް ބުނެ، އެ ދައުވާތައް ބާތިލް ކުރުމަށް އަމިއްލަޔަށް އެދިފައެވެ. ނަމަވެސް ފަނޑިޔާރު ވަނީ ގްލިންއަށް ވަނީ އޮޅުންއަރާފައި ކަމަށާއި ސިންގަޕޫރު ގާނޫނުގައި އޭނާއަށް މާސްކު ނާޅައި އުޅެވޭނެ ކަމަށް ބުނެފައި ނޯންނާނެ ކަމަށް ވިދާޅުވެފައެވެ. ކޯޓުގައި ގްލިންގެ ދިފާއުގައި ވާހަކަދެއްކީ އޭނާ އަމިއްލައަށެވެ.
ސިންގަޕޫރަކީ ދުނިޔޭގައިވެސް ކޮވިޑުން ދިފާއުވުމަށް އަޅާފައިވާ ފިޔަވަޅުތައް އެންމެ ހަރުކަށިކޮށް ތަންފީޒް ކުރާ އެއް ގައުމެވެ.