ޚަބަރު
އުރީދޫއިން ފާހަގަކޮށްލެވޭ އެވޯޑްތަކެއް ހާސިލްކޮށްފި

ކޮވިޑް-19އާއި ގުޅިގެން އުރީދޫއިން ފޯރުކޮށްދިން ޚިދުމަތްތަކަށް ފާހަގަކޮށްލެވޭ ގިނަ އެވޯޑްތަކެއް އުރީދޫއިން ހާސިލްކޮށްފިއެވެ.

18 ވަނަ ސްޓީވީ އިންޓަނޭޝަނަލް ބިޒްނަސް އެވޯޑްސް އަދި އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސްއިން ފާހަގަކޮށްލެވޭ އެވޯޑްތަކެއް އުރީދޫ އިން ވަނީ ހާސިލްކޮށްފައެވެ. އެގޮތުން ބަލާއިރު ބްރޮންޒް ސްޓީވީ – މޯސްޓް ވެލުއަބަލް ސަރވިސް (ކޮވިޑް-19 އާ ގުޅިގެން އުރީދޫ މޯލްޑިވްސް އިން ފޯރުކޮށްދިން އެހީތެރިކަން) ގެ އިތުރުން އޭޝިޔާ ޕެސިފިކް އެވޯޑްސްއިން ވަނީ ދެ އެވޯޑް ހާސިލްކޮށްފައެވެ.

ސިލްވާ ސްޓީވީ – މޯސްޓް ވެލުއަބަލް ކޯޕޮރޭޓް ރެސްޕޯންސް (ކޮވިޑް-19 އާ ގުޅިގެން އުރީދޫ މޯލްޑިވްސް އިން ފޯރުކޮށްދިން އެހީތެރިކަން) އާއި ބްރޮންޒް ސްޓީވީ – އެކްސެލެންސް އިން އިނޮވޭޝަން އިން ކޮންސިއުމާ ޕްރޮޑަކްޓް އެންޑް ސާވިސް އިންޑަސްޓްރީސް (މޫލީ އަދި އެމް-ފައިސާގެ ހިދުމަތްތައް) ހިމެނެއެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓާ އަދި ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ ބައިނަލް އަގުވާމީ ޕްލެޓްފޯމެއްގައި އެ މަސައްކަތް ފާހަގަވެ އެވޯޑެއް ލިބުމަކީ ފަހުރުވެރިވާކަމެއް ކަމަށާއި ކޮވިޑް-19 އާއި ގުޅިގެން އުރީދޫގެ ޓީމުން ކަސްޓަމަރުންނަށާއި މުޖުތަމައުއަށް އެކި އެކި ގޮތްގޮތުން އެހީ ފޯރުކޮށްދިނުމުގައި ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމުގައި އުރީދޫގެ މިފަދަ އިސްނެގުންތަކާ އީޖާދީ ހިދުމަތްތައް ތައާރަފްކުރުމަށް ކުރެވޭ ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެކުންފުނިން ދަނީ ދުނިޔޭގެ ވަރުގަދަ ޕްލެޓްފޯމްތަކުގެ ސަމާލުކަން ހޯދާ، ފަހުރުވެރި އެވޯޑްތައް ހާސިލްކުރަމުން ކަމަށް ނަޖީބު ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން އުރީދޫއިން ރައްޔިތުންނަށް ފޯރުކޮށްދެއްވި ޚިދުމަތްތަކަށް ބަލާލާއިރު އުރީދޫ ގްރޫޕާ ގުޅިގެން ރާއްޖޭގައި ކޮވިޑާއި ދެކޮޅަށް ކުރަމުންދާ މުހިއްމު މަސައްކަތްތަކަށް ބޭނުންވާ ވެންޓިލޭޓަރު، ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އަދި ޓެސްޓިން ކިޓް ހޯދުމުގައި ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް އެއްބާރުލުންދިނުމުގެ ގޮތުން 2.5 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަން،  އަދި ސަރުކާރުގެ އެހެން އިދާރާތަކާ ގުޅިގެން ގައުމީ ފެންވަރުގައި އިންޓަނެޓް ކަނެކްޝަންގެ ޚިދުުމަތްގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތުގެ ތެރެއިން ކޮވިޑް-19 އާއި ގުޅޭ ހޭލުންތެރިކަމުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމާ، އޮންލައިންކޮށް ކިޔަވާދިނުމަށާ ސިއްހީ ދާއިރާ އަދި ވިޔަފާރިތަކަށް ބޭނުންވާ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދީފައިވާކަން އުރީދޫން ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން އުރީދޫގެ ސެލްފް ކެއާރ އެޕްގެ އަޕްގްރޭޑާ އެކު، އުރީދޫގެ މޯބައިލް މަނީ ހިދުމަތް އެމް-ފައިސާ އަދި އީ-ކޮމާސް ޕްލެޓްފޯމް މޫލީގެ ހިދުމަތްވެސް އެއް ޕްލެޓްފޯމަކުން ލިބޭނެގޮތް ހެދުމާއި ލޮކްޑައުންއާ ގުޅިގެން މޫލީ މެދުވެރިކޮށް ކުދި ވިޔަފާރިތަކަށް ފަސޭހަކަމާއެކު އޮންލައިން ވެ ގިނަ ކަސްޓަމަރުންތަކަކަށް ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެގެން ދިޔައިރު، އެމް-ފައިސާ މެދުވެރިކޮށް ބިލް ދެއްކުމުގެ އިތުރުން އޮންލައިންކޮށް އޯޑަރުކުރުމުގައާ ވިޔަފާރިކުރުމުގައި ފައިސާގެ މުއާމަލާތް ފަސޭހަވެގެންދިޔަ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.