ޚަބަރު
ރާއްޖޭގައި އުފައްދާ ބާވަތްތައް ބޭރުން އެތެރެކުރާނަމަ ޓެކްސް ނަގަން ނިންމަނީ

ރާއްޖެގައި އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ރާއްޖެއިން ބޭރުން އެތެެރެކުރާނަމަ އެފަދަ ބާވަތްތަކަށް ޓެކްސް އެއް ނަގަން ސަރުކާރުން އަންނަނީ މަޝްވަރާކުރަމުންދާ ކަމަށް އިއްޔެ ތ. ކަނޑޫދޫ އަށް ވަޑައިގެން އެރަށުގެ ދަނޑުވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ކަނޑޫދޫ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ރަށްތަކުގެ ތެރެއިން ރަށެވެ. ހާއްސަކޮށް ކަނޑޫދޫ މިރުހަކީ ގިނަ ބަޔަކަށް ކަމުދާ ބާވަތެކެވެ.

ކަނޑޫދޫ ބަނދަރު ސަރަހައްދުގައި ބޭއްވި މިބައްދަލުވުގައި ރައީސް ސޯލިހް ފުރަތަމަ އަޑުއެއްސެވީ ދަނޑުވެރިންގެ ޝަކުވާތަކާއި ކަންބޮޑުވުންތަކެވެ. އެގޮތުން ދަނޑުވެރިން ފާހަގަކުރި ކަންކަމުގެ ތެރޭގައި ހިމެނެނީ ދަނޑުވެރިކަމަށް ރާއްޖެ އެތެރެކުރާ ކެމިކަލުން ކުރިން ނަގަމުން އައި ޑިއުޓީ ކަނޑާލި ނަމަވެސް އޭގެ ފައިދާ ދަނޑުވެރިންނަށް ނުލިބުމާއި، ސަރުކާރުން ދަނޑުވެރިންނަށް ތައާރަފްކޮށްފައިވާ އެގްރޯނެޓް ސްކީމްގައި މިރުސް ނުހިމެނޭ މައްސަލައެވެ.

ދަނޑުވެރިކަން ކޮށްގެން އުފައްދާ މޭވާއާއި ތަރުކާރީގެ ބާވަތްތަކަށް މާކެޓްގައި ހަމަ އަގު ލިބޭނެ ފަދަ ގޮތަކަށް ކަންކަން އިންތިޒާމު ކޮށްދިނުމަށްވެސް ދަނޑުވެރިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިފައެވެ. މީގެ އިތުރުން ދަނޑުވެރިކަން ކުރުމުގައި ބޭނުންކުރާ އާލާތްތަކާއި ސާމާނު އަދި ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުށަހަޅާފައިވެއެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ކަނޑޫދޫގެ ދަނޑުތަކުގައި ކޮންމެވެސް ވަރަކަށް މަސައްކަތްކުރާ ކަން ފާހަގަކޮށް ދަނޑުވެރިން ވަނީ އެމީހުން ފަސޭހަ ގޮތަކަށް އަލުން އަނބުރާ ގާނޫނީ އިމުގެ ތެރެއަށް ގެނެވޭނެ މަގެއް ފަހިކޮށްދިނުމަށް ވެސް ރައީސްގެ އަރިހުގައި އެދިފައެވެ.

ދަނޑުވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ވިދާޅުވީ ދަނޑުތަކުން އުފައްދާ ތަކެއްޗަށް ހަމަ އަގު ހޯދައިދިނުމުގެ ގޮތުން ރާއްޖޭގައި ބޭނުންވާ މިންވަރަށް ރާއްޖޭގައި އުފައްދާ ތަކެތި ލިބެނިކޮށް ބޭރުން އެފަދަ ތަކެތި އެތެރެކުރާ ނަމަ ޓެކްސް އެއް ނެގުމަށް ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށެވެ. ނަމަވެސް އެކަން ކުރަން ފަށާނެ ގޮތެއް އަދި މަޝްވަރާތައް ގޮސްފައިވާ ހިސާބަކާ ގުޅޭ ގޮތުން އެއްވެސް ވާހަކަފުޅެއް ރައީސް ވިދާޅުވެފައެއް ނުވެއެވެ.

ކަނޑޫދޫގައި އުޅޭ ބިދޭސީންގެ މައްސަލާގައި ރައީސް ވިދާޅުވީ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް މަގުފަހިކޮށްދެއްވާނެ ކަމަށާ ދަނޑުވެރިން ހުށަހަޅާފައިވާ އެހެން މައްސަލަތަކަށް ކަމާ ގުޅޭ އިދާރާތަކާ މަޝްވަރާކުރުމަށްފަހު ރަނގަޅު ހައްލުތަކެއް ހޯއްދަވައިދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ދަނޑުވެރިކަން ކުރުމަށް މިހާރު ފުރުސަތު އެބައޮތް ކަމަށާއި އެކަމަށް ޑިމާންޑް ވެސް އެބައޮތް ކަމަށެވެ. އެހެންކަމުން ދަނޑުވެރިކަން ކުރިއެރުވުމަށް ސަރުކާރުން އުފައްދާފައިވާ އެގްރޯނެޓްގައި ބައިވެރިވުމަށް މިބައްދަލުވުމުގައި ރައީސް ވަނީ ދަނޑުވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ދަނޑުވެރިކަމުގެ ދާއިރާއިން ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވާފައެވެ.

ރައީސް ސޯލިހް މިދިޔަ އަންގާރަ ދުވަހު ތ. އަތޮޅުގެ 7 ރަށަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިއްޔެގެ ވަގުތެއްގައި އެމަނިކުފާނު ވަނީ މާލެ ވަޑައިގެންފައެވެ.

Comment