މިޒަމާނަކީ ކަންތައްތަށް ވަރަށް ފަސޭހަ ކޮށް ކޮށްލެވޭ ޒަމާނެކެވެ. އިހުގައި ބުރަ މަސައްކަތުން ކުރި މަސައްކަތްތައް މިއަދު އިނގިލި ތަޅުވާލުމުން ވެގެން ދެއެވެ. ކަން މިހެން އޮތްއިރު، ގިނަ ވަގުތު އިށީންދެގެން ތިބުން އެއީ މިއަދުގެ އާދައެކެވެ. އަދާކުރާ ވަޒީފާގެ ގޮތުން ނަމަވެސް، ނުވަތަ ތަނަކަށް ދާން ޖެހުނަސް މިއަދު އެކަންތައް ކުރަނީ އިށީންދެގެން ހުރެއެވެ. ނަމަވެސް ގިނަ އިރު އިށީނދެ އިނުމަކީ ހަށިގަނޑަށް ވަރަށް ބޮޑަށް ގެއްލުން ލިބޭ ކަމެކެވެ.
ސައިންސްވެރިން ބުނާ ގޮތުގައި، ގިނައިރު އިށީނދެ އިނދެ އަދާ ކުރާ ވަޒީފާތަކުގައި މަސައްކަތް ކުރާ މީހުންނަށް ސިއްހީ އެކިއެކި މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑެވެ.
ގިނައިރު އިށީނދެ އިނުމުގެ ސަބަބުން ހަށިގަނޑަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި ސައިންސްވެރިން ވަނީ ދިރާސާއެއްކޮށްފައެވެ. އެގޮތުން ބަސް ޑްރައިވަރުންނާއި ޓީޗަރުން ބައިވެރިކޮށްގެން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ބަސް ޑްރައިވަރުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ހިތުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ދެގުނަ ބޮޑު ކަމަށް ދެއްކިއެވެ.
ސަބަބެއް ކަމަށް ސައިންވެރިން ބުނަނީ ގިނައިރު އެއްތަނެއްގައި، މާބޮޑު ހަރަކާތެއް ކުރުމެއް ނެތި ބަސް ޑްރައިވަރުން ތިބެން ޖެހުމެވެ.
ގަވައިދުން ކޮންމެ ދުވަހަކު ކަސްރަތު ކުރާ މީހެއް ނަމަވެސް، އޭނާއަކީ ދުވާލަކު ހަތް ގަޑިއިރު ތަނެއްގައި އިށީނދެ އިނދެ ވަޒީފާ އަދާކުރާ މީހެއް ނަމަ އެ ކަސްރަތުތަކުގެ ރަނގަޅު އަސަރު ހަށިގަނޑަކަށް ނުކުރާނެއެވެ.
ގިނައިރު އިށީނދެ އިނުމަކީ ހަކުރު ބައްޔާއި، ލޭ މައްޗަށް ދިޔުމުގެ އިތުރުން ކެންސަރު ޖެހުމުގެ ފުރުސަތުވެސް އިތުރުކޮށްދޭ ކަމެކެވެ. އޭގެ އިތުރުން ނާރުގެ މައްސަލަތައް ޖެހުމުގެ ފުރުސަތުވެސް އިތުރުކޮށްދޭ ކަމެކެވެ.