ޚަބަރު
ތާއީދު އޮތީ ފްލެޓްގެ ބަދަލުގައި ގެދޮރު ދޫކުރުމަށް: އުމަރު ނަސީރު

ފްލެޓް ދިނުމުގެ ވިސްނުމަށް ތާއީދު ނުކުރާ ކަމަށާއި ތާއީދުއޮތީ ގެދޮރު ދޫކުރުމުގެ ވިސްނުމަށް ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ކްލަބް ހައުސްގެ ސެޝަނެއްގައި ވާހަކަފުޅު ދައްކަމަވުން އުމަރު ނަސީރު ވިދާޅުވީ ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ)އިން ފްލެޓް ދޫކުރުމުގެ ވިސްނުމަށް ތާއީދު ނުކުރާ ކަމަށާއި ފްލެޓްތަކުގެ ދިރިއުޅުން ދޫކޮށްލައި ރަށްފުށުގެ އަރާމު ދިރިއުޅުމަށް ދިވެހިން ރުޖޫޢު ވާންއެބަޖެހޭ ކަމަށެވެ.

އުމަރު ފާހަނގަ ކުރެއްވި ގޮތުގައި ރަށްފުށުގެ ދިރިއުޅުމުގައި ދިވެހިން އުޅެނީ ވަރަށް އަރާމުގައެވެ. ގޮނޑުދޮށްތަކަށް ގޮސް ކުޅެ މަޖާކޮށް މޫދަށް އެރުމުގެ ފުރުސަތު ދަރީންނަށް އޮންނަންވާނެ ކަމަށެވެ.

އުމަރު އިތުރަށް ވިދާޅުވިގޮތުގައި ރާއްޖޭގެ އާބާދީގެ 47 އިންސައްތަ ދިރިއުޅެނީ މާލޭގައި ކަމަށާއި 74 އިންސައްތަ މީހުންނަކީ ކުއްޔަށް ތަންތަން ހިފައިގެން އުޅޭ މީހުންކަމަށެވެ. މިކަން މިހެންދިމާވާން ޖެހުނީ ސަރުކާރުން ގެންގުޅޭ ފްލެޓް ދޫކުރުމުގެ ސިޔާސަތުގެ ސަބަބުން ކަމަށް އުމަރުވަނީ ވިދާޅުވެފައެވެ.

“ފްލެޓް ދޫކޮށްގެން ކުލީގެ ދަރަނިވެރިކަމުގައި އުޅެން ޖެހެނީ. ފައިސާ އޮތް މީހުންނަށް ގުޅީފަޅު، ތިލަފުށި، ހުޅުމާލެއިން ބިން ގަނެވޭ ގޮތަށް އޮތީ. ސަރުކާރުން ވިޔަފާރިއެއްގެ ގޮތުގައި ބިން ވިއްކުން ހުއްޓާލަން ޖެހޭ،” އުމަރު ވިދާޅުވިއެވެ.

ޑީއެންއޭއިން ގެންގުޅެނީ ފްލެޓްގެ ބަދަލުގައި ގެދޮރު ދޫކުރުމުގެ ވިސްނުން ކަމަށާއި މާލެ ތޮއްޖެހިފައި އޮތް މައްސަލަ ހައްލުކުރުމަށް 15 އަހަރު ދުވަހުގެ މެދު ރާސްތާގެ ޕްލޭނެއް ޑީއެންއޭއިން އެކުލަވާލަމުންދާކަމަށެވެ.. އެ ޕްލޭން ތަންފީޒުވެއްޖެނަމަ، ގޯތި ގެދޮރަށް ދިމާވެފައިވާ މައްސަލަ ހައްލު ވެގެން ދާނެ ކަމުގެ ޔަޤީންކަން އުމަރުވަނީ ދީފައެވެ.

“2045  ވަނަ އަހަރު އަންނަ އިރު، ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހަދަން ޑީއެންއޭއިން ކުރާ އުއްމީދު ހަގީގަތަކަށް ވެއްޖެ ނަމަ ދިވެހިންގެ ގޯތިގެދޮރުގެ މައްސަލަ 15 އަހަރު ދުވަސް ތެރޭގައި އިރާދަކުރެއްވިއްޔާ މުޅިން ހައްލު ވެގެން ދާނެ.” އުމަރު ވިދާޅުވިއެވެ.

އާންމުންގެ ތެރެއިން އަމާޒު ކުރެވުނު ސުވާލުތަކުގެ ޖަވާބުގައި ވެސް އުމަރު ފާހަގަކުރެއްވި ކަމަކީ، ސަރުކާރުން ބިމުގެ ވިޔަފާރިކޮށް އާދައިގެ ނިކަމެތިންނަށް ދަރަންޏެއްގެ ގޮތުގައި ފްލެޓްތައް ދޫކުރާތީ ވޭތުވެދިޔަ ތަނުގައި ދިވެހިން ނިކަމެތިވެގެން ދިޔަ ކަމަށެވެ. ޑީއެންއޭގެ ސަރުކާރެއްގައި އެ ކަން ނުކުރާނެ ކަމަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޑީއެންއޭގެ މުއައްސިސް އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ.

 

Comment