ޚަބަރު
ސަރުކާރުން ކުޑަކުދިން ބައިތިއްބާ ސެންޓަރުތަކުގެ އޮޑިޓް ފަށައިފި

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި މަސައްކަތްކުރަމުންގެންދާ މަރުކަޒުތައް އޮޑިޓްކުރުމުގެ މަސައްކަތް ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ރަސްމީކޮށް ފަށައިފިއެވެ.

ޗިލްޑްރެންސް އޮމްބަޑްސްޕާސަން އޮފީހުން ބުނާގޮތުގައި މިއޮޑިޓްގެ މައިގަނޑު މަޤްސަދަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭ ބައިނަލްއަގްވާމީ މުއާހަދާގެ ދަށުން ކުޑަކުދިންނަށް ލިބިދޭންޖެހޭ ކަމަށް ބުނާ އެންމެހައި ހައްގުތައް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ލިބޭކަން ކަށަވަރުކުރުން ކަމަށެވެ.

މިއޮޑިޓަށްފަހު އިސްލާހު ކުރަންޖެހޭ ކަންތައްތައް ފާހަނގަކޮށް އެކަންތައް ކަމާއިބެހޭ ފަރާތްތަކަށް ހުށަހަޅައި، އެ ހުށަހެޅުންތައް ތަންފީޒުކުރެވޭ މިންވަރު ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުން މޮނިޓާކުރަމުން ގެންދާނެ ކަމަށް އެއޮފީހުން ވަނީ ބުނެފައެވެ.

ދައުލަތުން ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކުގެ މިހާރުގެ ޙާލަތު ދެނެގަތުމަށްޓަކައި ބޭސްލައިން ސްޓަޑީއެއް ކުރިއަށް ގެންގޮސް، އެ ސްޓަޑީއިން ފާހަގަކުރެވުނު ކަންތައްތައް ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށްފައިވާކަމަށް އަލަށް އުފެއްދި ޗިލްޑްރެންސް އޮމްބަޑްސްޕާސަން އޮފީހުން ވަނީ ހާމަކޮށްފައެވެ. އަދި މިސްޓަޑީގައި ރަނގަޅު ކުރަން ޖެހޭކަމަށް ފެންނަ ކަންތައްތައްވެސް އެ އިދާރާތަކާއި ހިއްސާކޮށްފައިވާކަމަށް އެއޮފީހުން ވަނީ ވިދާޅުވެފައެވެ.

Comment