މާލެ ސިޓީ ކައުންސިލުގެ ކުރީގެ ޑެޕިއުޓީ މޭޔަރު އިބްރާހީމް ސުޖާއުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މައްސަލަ އަލުން ބެލުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.
ސުޖާއުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަޤާމުގެ ނުފޫޒުގެ ބޭނުން ކޮށްގެން ނާޖާއިޒް ފައިދާއެއް ނަގާފައިވާ މައްސަލައެއްގެ ދައުވާއެކެވެ. މިމައްސަލަ ކްރިމިނަލްކޯޓުގައި އަލުން ބެލުމަށް ހައިކޯޓުން މިވަނީ ހުކުމްކޮށްފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ މާލޭ ޕްލޭނިން ގަވާއިދަކީ އަމަލު ކުރަމުންނުދާ ގަވާއިދެއް ކަމަށް ދަށު ކޯޓުން ކަނޑައަޅާފައި މައްސަލަ ބެއްލެވި ފަނޑިޔާރު އެކަށީގެންވާ މިންވަރަށް ނުބައްލަވާ ކަމަށާއި އެމައްސަލަ އަލުން ކްރިމަނަލް ކޯޓުގެ މައްޗަށް ބެލުމަށް ހައި ކޯޓުން ވަނީ އަމުރު ކޮށްފައެވެ.
ދައުލަތުން ކުރާ ދައުވާގައި ބުނާގޮތުގައި 12 މީޓަރަށް އިމާރާތެއް އެޅުމަށް 15 ޖެނުއަރީ 2014 ގައި އޭނާ ސޮއިކުރައްވައި، އިމާރާތުގެ ކުރެހުން ފާސްކުރި ކަމުގެ ލިޔުމާއި އިމާރާތް ކުރުމުގެ ހުއްދަ މީހަކަށް ދީފައިވާކަމަށާއި އެކަން ކޮށްފައިވަނީ ޤަވައިދާ ޚިލާފަށް ކަމަށެވެ.
ސުޖާއުގެ ދިފާއުގައި ވާހަކަފުޅު ދައްކަވަމުން އޭނަގެ ވަކީލު ބުނެފައިވަނީ މި މައްސަލާގައި އޭނާ ހުއްދަ ދިނީ މާލޭ ޕްލޭނިން ގަވާއިދު ގެޒެޓުގައި ޝާއިއުކުރުމުގެ ކުރިން ކަމަށެވެ.
މިމައްސަލަ ކްރިމިނަލް ކޯޓުން ނިންމާފައިވަނީ މިމައްސަލައަކީ މާލޭގެ ޕްލޭނިންގ ޤަވައިދަކީ ގެޒެޓްކޮށްފައިނުވާ އެއްޗެއް ކަމަށާއި އެޤަވައިދަށް އަމަލުކުރާކަމުގެ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައިވާ ނުވާ ކަމަށް ބުނެއެވެ.