ޚަބަރު
ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި

ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ މަސައްކަތްޕުޅުގެ ދަށުން ވީހާވެސް ގިނަ މީހުން ޕެޓިޝަނުގައި ސޮއިކުރެއްވުމަށް ނަޝީދު އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ އެ ޕެޓިޝަނުގައި ގިނަ އަދަދެއްގެ ރައްޔިތުން ސޮއިކުރަމުން އަންނަ ކަމަށާއި ހުރިހާ ރަށެއްގައިވެސް މިމަސައްކަތް ކުރިޔަށް ގެންދާނެ ކަމަށެވެ.

ބޮންޑޭ ވިދާޅުވި ގޮތުގައި އެމީހުންގެ އަމާޒަކީ 100 ދުވަހުގެ ތެރޭގައި 100،000 މީހުންގެ ސޮއި ހޯދުމެވެ.

ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނެސް ރާއްޖޭގެ ބޮޑުވަޒީރުކަން ކުރަން ބޭނުންފުޅުވާކަން މީގެކުރިންވެސް ނަޝީދުވަނީ ހާމަކޮށްފައެވެ.

އެކަމާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފޯކަސް މިވަގުތު ހުރީ އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް ކަމަށެވެ.

ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ބޭނުންފުޅުވެގެން ރައީސް ނަޝީދު ވަނީ ރައީސް އިބްރާހިމް މުހައްމަދަށް މެސެޖް ފޮނުވާފައެވެ. މެސެޖުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ 2024 ގައި ރައީސަކު ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި، 2023ގެ ރިޔާސީ އިންތިހާބު ނުބާއްވައި ރައީސަކު ކަނޑައަޅާނީ މިހާރު އޮތް މަޖިލީހުން ކަމަށް ކަނޑައަޅަން ބޭނުންފުޅުވާކަމަށެވެ.

އެހެންނަމަވެސް ރައީސް ސޯލިހު ވިދާޅުވަނީ ރާއްޖޭގައި އޮންނަން ފެންނަ އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމުކަމަށާއި ރާއްޖޭގައި އޮންނަން ފެންނަ ނިޒާމު ކަނޑައަޅާފައިވަނީ ރައްޔިތުން ކަމަށާއި، ދެންވެސް ނިޒާމު ގޯސްވެއްޖެނަމަ ނިންމާނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ.

ޤާނޫނީ ވަކީލް މުޙައްމަދު ނިޝާން އިބްރާހީމް ތައްޔާރުކުރާ އެ ޕެޓިޝަންގައި ސޮއިކުރެއްވި މެންބަރުންގެ ތެރޭގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ)އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒު ހިމެނިވަޑައިގަންނަވައެވެ. އަދި މާލެ ސިޓީ ކައުންސިލްގެ މެންބަރު އަޙްމަދު ޟަމީރުގެ އިތުރުންވެސް ރައީސް ނަޝީދަށް ތާޢީދުކުރައްވާ އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެޕާޓީގެ ޢާންމު މެންބަރުންވެސް ދަނީ އެ ޕެޓިޝަންގައި ސޮއިކުރަމުންނެވެ.

 

 

Comment