ބަދިގޭގައި ކައްކަން އުޅޭއިރު ތަނެއް ފިހުމަކީ ހަމަ އާންމު ކަމެކެވެ. އަވަނުން އެއްޗެތި ނަގާ ގަޑީގައި އަވަނުގެ ތަނެއްގައި ޖެހިގެން ވެސް ވެސް ފިހިދާނެ އެވެ. އަދި އިސްތިރީގައި ޖެހިގެން އަތް ފިހުމަކީ މި ހުރިހާ ކަމަކަށް ވުރެ ވެސް ގިނައިން ދިމާވާ ކަމެކެވެ.
ފިހުމުން އުނގުޅާ ޑޮކްޓަރީ ބޭހެއް ކަމެއް ދިމާވާއިރު ގިނަފަހަރު ގެޔަކު ނުހުރެ އެވެ. ކުދި ތަންތަންކޮޅު ފިހުމަކީ ކޮންމެހެން ހޮސްޕިޓަލަށް ދާން ޖެހޭ ވަރުގެ ކަމެއްގެ ގޮތުގައި އެއްވެސް މީހަކު ގަބޫލެއް ނުކުރާނެ އެވެ. އެހެންކަމުން ގިނަ މީހުން ބޭނުންވާނީ ގޭގައި ހުރި ކޮންމެވެސް ބާވަތަކުން ފަރުވާއެއް ހޯދުމަށެވެ.
އެގޮތުން ގޭގައި ދެވިދާނެ ބައެއް ފަރުވާތަކުގެ ތެރޭގައި:-
މިންޓް ދަތްއުނގުޅާބޭސް: ތަނެއް ފިހޭއިރަށް ވަގުތުން ފެން އިސްކުރު ދޫކޮށް އެތަނަށް ފެން އަޅާ ފިނިކުރާށެވެ. އަދި ފޮތިކޮޅަކުން މަޑުމަޑުން ހިއްކާލުމަށް ފަހު މިންޓް ދަތްއުނގުޅާބޭސްކޮޅެއް ހާކާލާށެވެ. ވަގުތުން ދިލަކެނޑި ފިނިވާނެ އެވެ.
ކަޅު ސައި: ކަޅު ސައިގައި ޓެނިކް އެސިޑް އެކުލެވެ އެވެ. މިއީ ފިހިފައިވާ ތަނުގައިވާ ހޫނުތައް ބޭރަށް ދަމައިގަންނަން އެހީތެރިވެދޭނެ އެއްޗެކެވެ. އޭރުން، ފިހިފައިވާތަނުން ދިލަ ނެގުން ކުޑަވާނެ އެވެ. ފިނި، ތެތް ޓީ ބޭގް އެއް، ފިހިފައިވާ ތަނުގައި ބޭއްވުމަށް ފަހު ފޮތިކޮޅެއް އޮޅާލާފައި ބަހައްޓާށެވެ.
ކިރު: ކިރުގައި އެކުލެވޭ ޕްރޮޓީންސް އާއި ފެޓްސްގެ ސަބަބުން، ފިހިފައިވާ ތަނުން ނަގާ ދިލަ މައިތިރިކޮށްދީ އެތަނަށް ފިނިކަން އިހްސާސް ކުރެވުމުގެ އިތުރުން އަވަހަށް ފަސޭހަވުމުގެ ފުރުސަތު ވެސް ބޮޑުވާނެ އެވެ. ފިހިފައިވާ ތަނަށް ފިނިކޮށްފައިވާ ކިރުން ފަރުވާ ހޯދާށެވެ. ފަނަރަ ވަރަކަށް މިނިޓް ތެރޭ ނަތީޖާ ފެންނާނެ އެވެ.
މާމުއި: މާމުޔަކީ އެންޓި-ބެކްޓީރިއަލް މާއްދާތައް އެކުލެވޭ އެއްޗަކަށްވާތީ، ފިހިފައިވާ ތަނުގައި މާމުއިކޮޅެއް އުނގުޅާލުމުން އިންފެކްޝަނެއް އަށަނުގަނެ ފަސޭހަވާނެ އެވެ.