ފެންޑާ
ރަހިމު ކުއްޔަށް ދެވޭތަ؟
ރަހިމް ކުއްޔަށް ދިނުމަކީ އަންހެނުންގެ ތެރެއިން ދަރިމައި ވުމުގެ ކުޅަދާނަކަން ލިބިފައިނުވާ އަންހެނުން އޭނާގެ  ބިހާއި އޭނާގެ ހަލާލް ފިރިމީހާގެ މަނި ނަގައި ޙާރިޖީ ގޮތެއްގައި ލެބޯޓަރީއެއްގައި ގަރުބަ ގެނުވުމަށްފަހު އެނުތުފާ ނަގައި ހިލޭ އަންހެނެއްގެ  ރަހިމުގައި އިންދައި އޭނާގެ ބަނޑުގައި ދަރިބޮޑުކޮށް ވިއްސުމެވެ. ގިނަފަހަރަށް މި ކަންކުރަނީ އަންހެންމީހާއަށް ކުލިދީގެންނެވެ. މިއަށް އިގެރޭސި ބަހުން ކިޔައި އުޅެނީ “ސަރޮގަސީ” [Surrogacy] އެވެ.

މިމުއާމަލާތާއި ބެހޭގޮތުން މީގެ ކުރީގައި މާބޮޑަށް ވާހަކަދެވިފައި ނުވިނަމަވެސް އަދުގެ ސައިންސް ކުރިއަރައިގޮސް މިފަދަ ހިދުމަތްދޭ ހަސްފަތާލުތަށް ގިނަވެ، މިފަދަ ހަސްފަތާލުތަކުން މުސްލިމުންވެސް ހިދުމަތްހޯދަން ފެށުމުގެ ނަތީޖާއެއްގެ ގޮތުން މިކަމާއި ބެހޭގޮތުން ވާހަކަ ދެއްކުމަށް އިސްލާމީ ދަންނަ ބޭކަލުންނަށް މަޖުބޫރުވެގެން ދިޔައެވެ.

ޑރ. އަބްދުލް އަޒީމް އަލް މަތާނީ އަލް އަޒުހަރީ ވިދާޅުވަނީ އަންހެނަކު އޭނާގެ ރަހިމް ހިލޭ ފިރިހެނަކަށް ހުޅުވާލުމަކީ އިސްލާމީ ޝަރީއަތުގައި ހުއްދަކަމެއްނޫނެވެ. ރަހިމް ކުއްޔަށްދިނުން ކަނޑައެޅިގެން ޒިނޭއަކަށް ނުވިކަމުގައިވިއަސް އެއީހަރާމް ކަމެކެވެ. ސަބަބަކީ މިހާލަތުގައި ހިލޭއަންހެނާގެ ރަހިމް ހިލޭފިރިހެނަކަށް ހުޅުވައި ލެވޭތީއެވެ. ހިލޭފިރިހެނާގެ މަނި ހިލޭ އަންހެނެއްގެ ރަހިމުގެ ތެރެއަށް ވަންނާތީ އެވެ. މިނޫނަސް ތަފާތު އިލްމުވެރިން މި މައުޟޫއަށް ވާހަކަދައްކާފައިވެއެވެ. މި ގޮތުން އެންމެންވެސް އިއްތިފާގް ވަނީ ރަހިމްކުއްޔަށްދިނުމަކީ ހުއްދަކަމެއް ނޫންކަމަށެވެ. އެގޮތުން ބައެއް އިލްމުވެރިން އެއީ ޒިނޭ އާއެއްފަދަ އަމަލެއްގެ ގޮތުގައި ސިފަ ކޮށްފައިވެސްވެއެވެ.  އަނެއްބޭކަލުން ދެކޭގޮތުގައި ޒިނޭގެ ހައްދު ގާއިމް ނުކުރެވުނު ކަމުގައިވިޔަސް ތައުޒީރު ކުރެވޭނެ އެވެ.
އިސްލާމީ ދަންނަބޭކަލުން ފަތުވާ ދެއްވާ ގޮތުގައި ރަހިމްކުއްޔަށްދިނުމަކީ އެއްވެސް ޝައްކެއްނެތް ގޮތުގައި ހަރާމް ކަމެކެވެ. އެބޭފުޅުން ދަލީތައްވެސް ދައްކައެވެ. އެގޮތުން:  وَالَّذِينَهُمْلِفُرُ‌وجِهِمْحَافِظُونَ ﴿سورة المؤمنون 5﴾ މާނައީ: އެއުރެންނީ އެއުރެންގެ ފަރުޖުތައް ރައްކާތެރިކުރާމީހުންނެވެ. އަދި  إِلَّاعَلَىٰأَزْوَاجِهِمْأَوْمَامَلَكَتْأَيْمَانُهُمْفَإِنَّهُمْغَيْرُ‌مَلُومِينَ ﴿سورة المؤمنون 6﴾، މާނައީ: އެއުރެންގެ އަނބިންގެ މައްޗަށާއި، އެއުރެންނަށް މިލްކުވެގެންވާ އަޅުންގެ މައްޗަށް މެނުއީއެވެ. ފަހެ، ހަމަކަށަވަރުން ، އެއުރެންނީ (އެކަމުގައި) މަލާމާތް ލިބިގެންނުވާ މީހުންނެވެ.
މިއާޔަތުން އެގިގެންދަނީ ތިމާގެ ހަލާލް އަނބިމީހާއާއި އަންހެން އަޅުން މެނުއީ އެހެން ފަރާތަކާއި އެކު ހަލްވަތު ވުމަކީ އިސްލާމް ދީންހުއްދަ ކުރާކަމެއް ނޫންކަމެވެ. އަދި ﷲ ތައާލާ ވަނީ މުއުމިން ފިރިހެނުންނަށް އެބައިމީހުންގެ ދަރިފަސްކޮޅާއި ނަސަބު ރައްކާތެރިކުރުމަށް އަންގަވާފައެވެ. އެހެންކަމުން ކުލީރަހިމުގެ ސަބަބުން ނަސަބު އޮޅިގެންދާނެކަން އެގެން އޮންނާތީ، މިކަމަކީ ހުއްދަވެގެންވާނެ ކަމެއްނޫންކަން އެގެއެވެ. އެހެނީ މިމުއާމަލާތުގެ ނަތީޖާ ކަމުގައިވާ ދަރީގެ ބައްޕަ އަކީ ކޮބައިކަމާއި ހަގީގީ މަންމައަކީ ކޮބައިކަންވަނީ އޮޅުން ގަޑެއްގެ ތެރޭގައެވެ. ދަރި ނިސްބަތްވަނީ އަނބި މީހާއަށް ކަމެއް ރަހިމް ކުއްޔަށްދިން މީހާއަށް ކަމެއް އޮޅުންނުފިލާތީއެވެ. މީގެ ތެރެއިން ކޮންމެވެސް އެއް މަންމަ އަކަށް ނިސްބަތް ކުރި ކަމުގައި ވިޔަސް ހަގީގަތުގައި މިމުއާމަލާތުގެ ސަބަބުން ވަހުމް ތަކެއް އުފެދިގެން ދެއެވެ.
ފިރިހެނާގެ މަނި ނެގު މަށާއި އަންހެނާގެ ބިސް ނަގައި އަދި އެބިހާއި މަނި އެއްކުރުމަށްފަހު ރަހިމް ކުއްޔަށްދޭ އަންހެނާގެ ރަހިމުގައި އިންދުމަށް ޟަރޫރަތަކާއި ނުލައި އައުރަ ކަޝްފުކުރަންޖެހެއެވެ. މިއީ ކަނޑައެޅިގެން އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ކަމެކެވެ. قُللِّلْمُؤْمِنِينَيَغُضُّوامِنْأَبْصَارِ‌هِمْوَيَحْفَظُوافُرُ‌وجَهُمْ 
ۚذَٰلِكَأَزْكَىٰلَهُمْ ۗإِنَّاللَّـهَخَبِيرٌ‌بِمَايَصْنَعُونَ ﴿سورة النور 30﴾ މާނައީ: “މުއުމިނު ފިރިހެނުންނަށް އެއުރެންގެ ބެލުން ތިރިކުރުމަށާއި، އެއުރެންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އެ ގޮތް އެއުރެންނަށްޓަކައި، ތާހިރުކަންބޮޑެވެ. ހަމަކަށަވަރުން ﷲ އީ އެއުރެން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާންގެ” އެވެ. އިސްލާމް ދީނުގައި މިފަދައިން އަންގަވާފައި ވަނިކޮށް އެއުރެންގެ އައުރަ ކަޝްފުކޮށް ރަހިމް ކުއްޔަށް ދީ ހެދުމަކީ ކަޑައެޅިގެން ހަރާމް ކަމެކެވެ. އަދި މިފަދަ ކަންކަމަކީ ބޮޑުވެގެންވާ ކާރިސާއެއްކަމަށް، ޝޭޚް އަބްދުﷲ އިބްނު އަބްދުއްރަހުމާން އަލް ޖިބްރީން ސިފަކުރައްވާފައި ވެއެވެ.
މިމައުޟޫއަކީ ވަރަށްވެސް ފުޅާމައުޟޫއެކެވެ. އަޅުގަނޑު މަސައްކަތްކޮށްފައިވަނީ ވީހާވެސް ކުރުކޮށް މައްސަލާގެ ހުކުމާއި ހަމައަށް ވާސިލުވުމަށެވެ.
މިމައްސަލާގައި އޯއައިސީގެ ފިޤުހް އެކަޑަމީން ޤަރާރެއް ފާސްކޮށްފައިވާކަން އެގެންނެތެވެ. އެހެން ނަމަވެސް މެލޭޝިއާގެ ފިޤްޙް އެކަޑަމީން ޤަރާރެއް ފާސްކޮށްފައިވެއެވެ. އެނިންމުމުގައިވަނީ ނަސަބް ސާބިތުކުރުމުގައި ޝުބުހަ އޮވެގެންނުވާނެތީ، ހާރިޖީގޮތެއްގައި ދަރިމައިކޮށްގެން ލިބޭދަރިންގެ ނަސަބާއިމެދު ސުވާލުއުފެދޭތީ، ރަހިމް ކުއްޔަށްދިނުމަކީ ހުއްދަވެގެންވާ ކަމެއްނޫންކަމަށެވެ.
Comment