ބަރުލަމާނީ ނިޒާމު ގެންނަން ގޮވާލާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅާ ޕެޓިޝަންގައި ވިހާވެސް ގިނަ ބަޔަކު ސޮއި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
ޤާނޫނީ ވަކީލު މުޙައްމަދު ނިޝާން އިބްރާހީމް ތައްޔާރުކުރާ އެ ޕެޓިޝަންގައި ސޮއިކުރުން ފެށީ އިއްޔެއެވެ.
އެމްޑީޕީގެ މެންބަރުން ތިބޭ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ، ވީހާވެސް ގިނަ ބޭފުޅުން އެ ޕެޓިޝަނުގައި ސޮއި ކޮށްދެއްވުން ވަރަށް އެދޭ ކަމަށެވެ.
ބަރުލަމާނީ ނިޒާމު ގެންނަން ގޮވާލާ ޕެޓިޝަންގައި ސޮއިކުރެއްވި މެންބަރުންގެ ތެރޭގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒު ހިމެނިވަޑައިގަންނަވައެވެ.
މި ޕެޓިޝަނަކީ 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި އެމްޑީޕީ މެނިފެސްޓޯގައި، ޤާނޫނު އަސާސީއަށް ބަދަލުތަކެއް ގެނެސް ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ވެފައިވާ ވައުދު ފުއްދުމަށް ބާރުއެޅުމަށް ރައީސަށް ދެންނެވުމަށް ތައްޔާރުކުރާ ޕެޓިޝަނެކެވެ.