ރާއްޖޭގެ ފަތުރުވެރިކަން ކުރިޔަށް އޮތް 5 އަހަރު ފެންނަނީ ވަރަށް އުޖާލާކޮށްކަމަށް ޓޫރިޒަމް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވެން ހުރި ކަންތައްތައް ބަލައި ފާހަނގަކޮށް ރަށްރަށުގެ ކައުންސިލާއެކު ޓޫރިޒަމް މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތައް ރާވާ ހިންގަމުންނެވެ. އެގޮތުން އެންމެ ފުރަތަމަ ހުރިހާ އަތޮޅު ކައުންސިލްގެ ރައީސުންނާއި މޭޔަރުންނާއި ދާއިރާތަކުގެ މަޖިލިސް މެންބަރުންނާއި އަތޮޅު ކައުންސިލްގެ ރައީސްއާއި ރަށްރަށުގެ ރަށު ކައުންސިލްގެ ރައީސުންނާއި ޓޫރިޒަމް މިނިސްޓްރީން ވަނީ ބައްދަލުކޮށްފައެވެ. އަދި ކޮންމެ ރަށެއްގެ ކައުންސިލްތަކާއި ވަކިންވެސް ވަނީ މަޝްވަރާކޮށްފައެވެ.
ވާޗުއަލްކޮށް ބޭއްވުނު ބައްދަލުވުންތަކަށްފަހު ޓޫރިޒަމް މިނިސްޓަރ މިވަނީ އަތޮޅުތަކަށް ލޯކަލައިޒޭޝަން ޕްރޮޖެކްޓްގެ ދަތުރުތައް ފަށާފައެވެ.
މީޑިޔާއަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްޒެކިއުޓިވް ޑިރެކްޓަރ އަލީ ރައްޒާން ވިދާޅުވެފައިވަނީ ހއ.އިން މިފެށުނު ދަތުރުފުޅުގައި ރަށްރަށުގެ ކައުންސިލްތައް، އަންހެނުންގެ ކޮމެޓީގެ މެމްބަރުންގެ އިތުރުން ސިނާއީ މަސައްކަތް ކުރާ ފަރާތްތަކާއި ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ބައްދަލުކުރައްވާނެކަމަށެވެ.
އަދި އެ ރަށްރަށުގައި މިހާރު ފަތުރުވެރިކަމަށް ދޫކޮށްފައި ހުރި ޕްލޮޓްތަކުގައި މަސައްކަތް ކުރިއަށްދާ ގޮތާއި ރައްޔިތުން އެކަންކަމާއި މެދު ހުރި ކަންބޮޑުވުންތަކާއި އަދި އަލަށް އެރަށްރަށުން ލޭންޑް ޔޫސް ޕްލޭން އެކުލަވާލައިގެން ފަތުރުވެރިކަމަށް ބިން ދޫކުރުމާއި ގުޅޭގޮތުން މަޝްވަރާކުރަން ނިންމާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތުދިނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު މިމަހުގެ 18 ވަނަ ދުވަހާ ހަމަޔަށް 504 ގެސްޓް ހައުސްއެއްގެ ޚިދުމަތް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވަނީ ފަށާފައެވެ.