ފޯނެއް ހެކްކޮށް ފޮޓޯތަކެއް ލީކުކޮށްލިކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މީހެއްގެ ފޯނެއް ހެކްކޮށް އެފޯނުގައިހުރި ފޮޓޯތަކެއް ސޯޝަލް މީޑިޔާގައި ލީކުކޮށްލިކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނީ މއ. އިސްޕަންޖުގޭ މުހައްމަދު މަސާއިދު ބިން ސަމީއު 36 އެވެ. އޭނާގެ މައްޗަށް ކުރެވެނީ ސައިބަރ ކްރައިމްގެ ތުހުމަތެވެ.
މަސާއިދު މުޖުތަމައުތެރެޔަށް ދޫކޮށްލައިފިނަމަ މުޖުތަމައުއަށް ނުރައްކަލަކަށް ވެދާނެކަމަށް ފެންނާތީ އޭނާގެ މައްޗަށް ވަނީ 10 ދުވަހުގެ ބަންދުގައި ބަހައްޓައިގެން ތަހުޤީގުކުރިޔަށް ގެންދިޔުމަށް ހުކުމްކޮށްފައެވެ.
މަސާއިދު ބޭނުންކުރި ކަމަށް ބުނާ އައިޕީ އެޑްރެސް މެދުވެރިކޮށް، ވިކްޓިމްގެ ފޮޓޯތަކެއް ސޯޝަލް މީޑިއާ އަށް ލީކްކޮށްފައިވާކަން އެނގޭ ސްނެޕްޝޮޓްތަކެއް ފުލުހުން ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މަސާއިދު ވަނީ އޭނާގެ އޮފީހުގެ ހާޑް ޑިސްކު ވެސް އަމިއްލަ އަށް ނައްތާލާފައެވެ. އެހެންނަމަވެސް މަސައްކަތް ކުރާ އޮފީހާއި ގެއިން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު އަތުލައިގެންފައިވާ ކަމަށާއި އެ ތަކެތި ތަހުލީލު ކުރަން އަދި ދުވަސްތަކެއް ހޭދަވާނެ ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން މަސާއިދު އަކީ މީގެކުރިންވެސް މިފަދަ އަމަލުތައް ހިންގާ މީހެއް ކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ.