ދުނިޔެ
ހެއިޓީގެ ރައީސްއަށް ހަމަލާދީ، އަވަހާރަ ކޮށްލައިފި

ހެއިޓީގެ ރައީސް ދިރިއުޅުއްވާ ގެކޮޅަށް، ކޮންބަޔަކުކަން ނޭގޭ ބަޔަކު ހަމަލާ ދީ ރައީސް އަވަހާރަ ކޮށްލައިފިއެވެ.

ރައީސް ދިރިއުޅުއްވާ ގެކޮޅަށް ވަދެ ބަޔަކު ދިން ހަމަލާގައި ފަސްޓް ލޭޑީއަށް ލިބުނު އަނިޔާތަކަށް މިހާރު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ހެއިޓީގެ ވަގުތީ ބޮޑުވަޒީރު ކްލައުޑު ޖޯސެފް ވިދާޅުވި ގޮތުގައި ރައީސް މޮއިސް އަވަހާރަ ކޮށްލާފައިވަނީ، އަމިއްލަފުޅު ގެކޮޅުގައި ހުންނަވަނިކޮށް، ކޮންބަޔަކުކަން ނޭގޭ ބަޔަކު ގެކޮޅަށް ވަދެގަނެ ހަމަލާ ދީގެން ކަމުގައެވެ.

މޮއިސް ގެންދެވީ، 2018 ވަނަ އަހަރު ބާއްވަން ހަމަޖެހިފަ އޮތް ގާނޫނުހަދާ މަޖިލިސް އިންތިޚާބު، އޭނާގެ ރައީސްކަމުގެ ދައުރުގެ މުއްދަތު ހަމަވެއްޖެ ކަމާމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކާއި ގުޅިގެން، ހަމަޖެހިފައިވާ މުއްދަތަށް ނުބޭއްވުމުގެ ސަބަބުން، ރިޔާސީ ގަރާރެއްގެ ދަށުން އެގައުމުގައި ރައީސްކަން ކުރައްވަމުންނެވެ.

އެމެރިކާ ބައްރުގެ އެންމެ ފަގީރު ގައުމު ކަމުގައިވާ ހެއިޓީގެ ވަގުތީ ބޮޑުވަޒީރު ވިދާޅުވެފައި ވަނީ ރައީސް އަވަހާރަ ކޮށްލުމާ ގުޅިގެން، މިވަގުތު ގައުމު ހިންގެވުމާ ހަވާލުވެ ހުންނެވީ އޭނާއެވެ.

”ދައުލަތް ހުއްޓުމަކަށް ނައިސް ހިގަނުންދާނެކަން ޔަގީންކޮށް އަދި، ގައުމުގެ ސަލާމަތާ ރައްކާތެރިކަން ޔަގީން ކުރުމަށްޓަކާ އަޅަންޖެހޭ ފިޔަވަޅުތައް މިހާރުވަނީ އަޅާފަ،“ ވަގުތީ ބޮޑުވަޒީރި ޖޯސެފް

ވަގުތީ ބޮޑުވަޒީރު ވާހަކަ ދައްކަވަމުން ގެންދެވި އިރުވެސް ވެރިރަށުގެ އެކި ހިސާބުތަކުން ދިޔައީ ބަޑީގެ އަޑުތައް އިވެމުންނެވެ.

ޖޯސެފް ވިދާޅުވި ގޮތުގައި، ނޭޝަނަލް ޕެލެސް އަށާއި އަދި ފޯރުންތެރި މީހުން ދިރިއުޅޭ ކޮމިއުނިޓީތަކުގައާއި، އަދި ގައުމުގެ އެހެން ސަރަހައްދުތަކުގެވެސް ސަލާމަތާއި ރައްކާތެރިކަމަށްޓަކާ މިހާރު ފުލުހުންދަނީ ހަރަކާތްތެރި ވަމުންނެވެ.

ޖޯސެފްވަނީ، ރައީސް އަވަހާރަކޮށްލި ހާދިސާ ކުއްވެރިކޮށް މިއީ “އެއްވެސް އިންސާނިއްޔަތުކަމެއް ނެތް، ލާއިންސާނީ ހަމައެއް” ކަމުގައި ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި، މިހަމާ ދިން ބައެއް މީހުންނަކީ ފްރާންސް ބަހުން ވާހަކަ ދައްކާ ބައެއް ކަމުގައެވެ. ހަމަލާއާ ގުޅޭ އިތުރު މައުލޫމާތެއް އެނާ ދެއްވާފައެއް ނުވެއެވެ.

އުމުރުން 53 އަހަރުގެ މޮއިސްގެ ވެރިކަމުގައި، 11 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ހެއްޓިގައިވަނީ ހަމަޖެހުން ގެއްލި އަދި ސަރުކާރާމެދު އާންމު ރައްޔިތުންގެ ނުރުހުމާއި ނަފްރަތު އިންތިހާއަށް މަތިވެގެން ގޮސްފައެވެ.

ހެއިޓީގެ ރައީސްގެ ހަށިކޮޅަށް ހަމަލާދީ އަވަހާރަ ކޮށްލާފައި މިވަނީ، ސިޔާސީ ބައިބައިވުންތަކާ ގުޅުންހުރި ހަމަނުޖެހުންތައް އެގައުމުގައި އިންތިހާއަށް އިތުރުވެގެން ގޮސްފައިވާ ދަނޑިވަޅެއްގައެވެ. އަދި ހެއިޓީ ސިޔާސީ ގޮތުން ބައިބައި ވެފައި ވުމުގެ އިތުރުން، އެގައުމުވަނީ، ގައުމަށް ބޭނުންވާ ވަރަށް ކާނާގެ ބާވަތްތައް ނުލިބުމުގެ ސަބަބުން ބޮޑު އިންސާނީ ކާރިސާއެއްގެ ތުންފަތް މަތީގައެވެ.

ނަތީޖާއެއްގެ ގޮތުން ގައުމުގައި ބޮޑެތި ހަމަނުޖެހުންތަކެއް އުފެދިގެން ދިއުމުގެ ނުރައްކާ ވަރަށް ބޮޑަށް އެބައޮތެވެ. ހެއިޓީގެ އާބާދީގެ %60 މީހުންނަކީ، ދުވާލަކަށް 2 އެމެރިކާ ޑޮލަރަށްވުރެ ކުޑަ އާމްދަނީއެއް ލިބެމުންދާ މީހުންނެވެ.

އަދި ހެއިޓީގެ އާންމު ހާލަތު އިންތިހާއަށް ދަށުގައިވާއިރު، އަދިވެސް އެގައުމު އަންނަނީ، 2010ވަނަ އަހަރު އެގައުމަށް އައި ވަރުގަދަ ބިންހެލުމުންނާއި އަދި 2016 ވަނަ އަހަރު ކުރިމަތިވި މެތިއު ތޫފާނުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތް ކުރަމުންނެވެ.

 

Comment