މުޖުތަމައުގެ ތެރެއިން ކޮވިޑް-19 ފެނުމުން ގދ. ގައްދޫ ބަންދު ކޮށް މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފިއެވެ.
ގދ. ގައްދޫ ސިއްހީ މަރުކަޒުގެ ކޮމިއުނިޓީ ހެލްތް އޮފިސަރު އާމިނަތު ރަޝީދާ ވިދާޅުވީ، ފައްސިވެފައިވަނީ ފުވައްމުލަކުން ނައްސި ޕީސީއާރު ޓެސްޓަކާއި އެކީ ކަރަންޓީނު ނުވެ އެރަށަށް އައިސްފައިވާ މީހެއް ކަމަށާއި އޭނާ ފައްސިވެފައިވަނީ އަލާމާތްތަކެއް ހުރެގެން މިމަހުގެ 18 ވަނަ ދުވަހު ފްލޫ ކްލިނިކަށް ދައްކައި ނެގި ސާމްޕަލްއިން ކަމަށެވެ.
އާމިނަތު ރަޝީދާ ވިދާޅުވީ، ފައްސިވެފައިވަނީ 50 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އޭނާ ފައްސިވުމާއި ގުޅިގެން އެރަށުން އިތުރު ބައެއްގެ ސުންކު ނެގިއެވެ. އޭގެ ތެރެއިން 7 މީހެއްގެ ސާމްޕަލް ވަނީ ކޮވިޑަށް ފައްސިވެފައެވެ.
މިއާއެކު އެރަށް ބަންދުކޮށްފައިވާއިރު، އެރަށުގައި މިހާރު ބަލިޖެހިފައި ތިބި އަށް މީހަކު އެބަތިއްބެވެ.
ގދ ގައްދޫ ބަންދު ކުރުމާއި އެކު ކޮވިޑް ފެނިގެން މިހާރު ރާއްޖޭގައި ބަންދުކޮށްފައިވާ ރަށްތަކުގެ އަދަދު ވަނީ 19 އަށް އަރާފައެވެ.