މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ގެ ލޭންޑް ޓްރާންސްޕޯޓް ޑިވިޜަންއާއި މެރިން ޓްރާންސްޕޯޓް ޑިވިޜަންގެ މުވައްޒަފުންނަށް ރިފްރެޝަރ ޓްރެއިނިންގ ޕްރޮގްރާމެއް ފެށިގެން ކުރިޔަށް ގެންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އެމް.ޓީ.ސީ.ސީގެ 300 މުވައްޒަފުން ހިމަނައިގެން ކުރިޔަށް ގެންދާ ސިލްސިލާ ޕްރޮގްރާމް ފަށާފައިވަނީ އޮގަސްޓް 21 ވަނަ ދުވަހުގައެވެ.
މިއީ ޕޮލިސް އެކަޑަމީ އާއި އެމްޓީސީސީ ގުޅިގެން އެކުންފުނީގެ އެއްގަމު ދަތުރު ފަތުރާއި ކަނޑު ދަތުރު ފަތުރުގެ ޚިދުމަތް ދިނުމުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.
މިޕްރޮގްރާމްގައި އެއްގަމު އަދި ކަނޑުގައި ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމްތައް ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ދަސްކޮށްދެވޭނެއެވެ. އާންމުކޮށް އެކްސިޑެންޓްތައް ދިމާވާ ސަބަބުތަކާއި ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާއި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމާއި، ބަސް އޮޕަރޭޝަން ގަވާއިދުތަކާއި ޑްރައިވިންގ ޓެކްނީކްސް އާއި ފަސެންޖަރ ކޮމިއުނިކޭޝަން ޓެކްނީކްސް އާއި ސްޓްރެސް މެނޭޖްމަންޓާއި ޑިއުޓީއަށް ތައްޔާރުވުމާއި މެރިޓައިމް ގާނޫނާއި ގަވާއިދުތަކާއި ނެވިގޭޝަން އާއި ޑެމޭޖް ކޮންޓްރޯލް އަދި މެރިޓައިމް ސޭފްޓީ ފަދަ ބައިތައް ކިޔަވައިދިނުމަށްވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމުގައި ކިޔަވާދެއްވާނީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ރޯޑް ސޭފްޓީގެ އެޑްވޮކަސީ އޮފިސަރުންނާއި މެރިން އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ޓްރެއިނަރުންނާއި ފެސިލިޓޭޓަރުން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.