ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން އޭނާ ޝަރުތު ހަމަނުވާ ކަމަށް ނިންމި ނިންމުން މުރާޖާކޮށްދިނުމަށް އެދި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ހުށަހެޅުއްވި މައްސަލަ އަވަހަށް ނިންމައިދިނުމަށް އޭނާ އެދިވަޑައިގެންފި އެވެ.
މަހުލޫފް އެގޮތަށް ރޭ ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމު ކަމާލުއްދީނަށް ދޭން އެމްޑީޕީން ނިންމުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން އޭނާ ޝަރުތު ހަމަ ނުވާ ކަމަށް ނިންމި ނިންމުން މުރާޖާކޮށްދިނުމަށް އެދިވަޑައިގެން އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީ އަދި އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ޝަކުވާ ވަނީ ހުށަހަޅައިފައެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް ވާދަކުރައްވަން ނިންމަވައި، މަހުލޫފު ވަނީ ފޯމު ހުށަހަޅުއްވައިފައެވެ. ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މަހުލޫފުގެ މައްސަލައެއް ބަލަމުންދާތީ އޭނާއަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އެމްޑީޕީން ވަނީ އަންގާފައެވެ.
މަހުލޫފް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާއަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ނިންމި ނިންމުން އިސްތިއުނާފު ކުރި ފަހުން ހަ ދުވަސް ވެއްޖެ ކަމަށެވެ. އެމްޑީޕީގެ ގަވާއިދުވާ ގޮތުން އެފަދަ މައްސަލަތަކުގައި ދެ ދުވަސް ތެރޭގައި ޖަވާބު ދޭން ޖެހޭނެކަން ފާހަގަ ކުރައްވައި މަހުލޫފް ވަނީ އެކަމުގައި އަވަސް ޖަވާބެއް ދެއްވުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފުގެ އަރިހުން އެދިވަޑައިގެންފައެވެ.
“އިންތިހާބަށް 30 ދުވަހަށް ވެފައިވާއިރު ކެމްޕޭން ކުރަން ބޭނުން. ތަފާތު ނުކުރައްވާ،” މަހުލޫފް ވިދާޅުވިއެވެ.