ޚަބަރު
ނަޝީދު މަރާލާނެކަމަށް ބުނެ އިންޒާރު ދިން މީހާ ކޯޓުގެ ހުރުމަތް ކަނޑާލުމުން ޖަލުހުކުމެއްކޮށްފި

އަބޫޖަހުލަށް ހަދާލިގޮތް ހަދާނެ ކަމަށްބުނެ ސޯޝަލް މީޑީޔާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިންޒާރުދިން މީހާ ކޯޓުގެ ހުރުމަތް ކަނޑާލުމާއި ގުޅިގެން 15 ދުވަހުގެ ޖަލުހުކުމެއް ކޮށްފިއެވެ.

ފުލުހުން ވިދާޅުވިގޮތުގައި ސޯޝަލް މީޑިޔާގައި ނަޝީދު މަރާލާނެކަމަށް ފާޅުގައި އިންޒާރު ދިން އުމުރުން 40 އަހަރުގެ މީހާގެ 15 ދުވަހަށް ޖަލުހުކުމެއް ކޮށްފައިވަނީ ކޯޓުގެ ހުރުމަތް ކަނޑާލުމާއި ގުޅިގެންނެވެ. އޭނާގެ މައްޗަށް ރ.އުނގޫފާރުކޯޓުން ވަނީ ބަންދަށް 15 ދުވަސް ޖަހާފައެވެ. އެހެންކަމުން އޭނާ މަހެއްވަންދެން ބަންދުގައި ހުންނަން ޖެހޭނެކަމަށް ފުލުހުން ވިދާޅުވިއެވެ.

ރ.މީދޫ މީހަކާ އިނދެގެން އުޅޭ މާލޭ މީހަކު ފޭސްބުކް ކޮމެންޓަކަށް ބުނެފައިވަނީ ނަޝީދު އަނބުރާ ރާއްޖެ ވަޑައިގެންފިނަމަ ބަދުރު ދުވަހު އަބޫޖަހުލަށް ހެދިގޮތް ހަދާނެކަމަށެވެ. އަދި މެއި 6ވަނަ ދުވަހުގެ ހަމަލާ ފެނިފައިވާ ކަމަށާއި ދެންފަހަރަކުން އެއަށްވުރެ ހިތިވާނެ ކަމަށްބުނެ ފާޅުގައި އިންޒާރުދީފައިވެއެވެ. އެ ކޮމެންޓުގައި ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ދިދައެއް ވެސް ވަނީ ހިމަނައިފައެވެ.

ނަޝީދަށް ދިން ހަމަލައާ ގުޅިފައި ވަނީ ވެސް ހަރުކަށި ފިކުރާއެވެ. އަދި މިފަދަ އިންޒާރެއް ދިނުމުގެ ސަބަބުން ރ.މީދޫއިން ފުލުހުން ހައްޔަރުކޮށްފައިވަނީވެސް ހަރުކަށި ފިކުރުގެ މީހެކެވެ.

 

Comment