ޚަބަރު
ރައީސް ޔާމީންގެ ސަރުކާރުގައި ހަރުަކަށި ފިކުރުގެ މީހުންނަށް ތާއީދުކޮށްފައިވޭ: ޔައުޤޫބް

ރައީސް ޔާމިންގެ ސަރުކާރުގައި ހަރުކަށިފިކުރުގެ މީހުންނަށް ފުރުޞަތު ދީ، އެމީހުން ބޭނުންވާގޮތަށް މާހައުލު ތަނަވަސްކޮށްދީފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔަޢުޤޫބު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ދީނީ އެއްބައިވަންތަކަމަށް ލޮޅުން އެރިޔަ ނުދިނުމަށް ކަމަށްބުނެ ސަރުކާރުގެ ފަރާތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން މަޖުލީހަށް ހުށަހެޅުއްވި ބިލަށް ވާހަކަފުޅު ދައްކަވަމުން ޔައުޤޫބު ވިދާޅުވީ އިސްލާމްދީނުގެ އުސޫލުތައް ހިފެހެއްޓުމާއި އިސްލާމް ދީން ނެގެހެއްޓުމަށްޓަކައި މިސަރުކާރުން ކުރާވަރުގެ މަސައްކަތްކުރި އެއްވެސް ސަރުކާރެއް މިވީހާތަނަށް ފެނިފައިނުވާކަމަށެވެ. އަދި ޔާމީންގެ ސަރުކާރުގައި ހަރުށިފިކުރުގެ މީހުންނާމެދު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަމަށާއި، ވެރިކަމުގެ ނިޒާމު ހިންގާފައިވަނީ އެފަދަ މީހުނަން ފުރުޞަތުދީގެން އެމީހުން ބޭނުންވާގޮތަކަށް މާޙައުލު ތަނަވަސްކޮށްދީގެންކަމަށް ދާންދޫ ދާއިރާގެ މެމްބަރު ވަނީ ވިދާޅުވެފައެވެ.

މުވާސަލާތީ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް އާންމުންގެ ކުރިމަތީގައި އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި، އިސްލާމްދީނަށް ފުރައްސާރަކުރުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑައެޅުމަށް ޤާނޫނުލް ޢުޤޫބާތަށް އިސްލާހެއް ގެނައުމަށް ސަރުކާރުގެ ފަރާތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވަނީ މަޖުލީހަށް ބިލެއް ހުށަހަޅާފައެވެ.

މިބިލް ހުށަހަޅަމުން ހިސާން ވިދާޅުވެފައިވަނީ ރާއްޖެއަކީ އިސްލާމްދީނަށް ކުޑައިމީސް ވާގޮތަށް ވާހަކަދެއްކުމާއި، ދީނީ ޝިއާރުތަކާއި ބައެއް ކަހަލަ ތަސައްވުރުތަކަށް އިހާނެތިކޮށް ވާހަކަދެއްކުމަކީ މުޖްތަމައިން ފެންނަމުންދާ ކަމެއްކަމަށެވެ. އެހެންކަމުން މިއީ ރާއްޖެއަށް ވަރަށް މުހިންމު ބިލެއް ކަމަށެވެ.

ދީނީ ގޮތުންނާއި ޤާނޫނީ ގޮތުން ދިވެހިން ގަބޫލުކޮށްފައިވާ ހަމަޔަކީ، އިސްލާމްދީނަށް ކުޑައިމީސްވާ ކަހަލަ ރާއްޖޭގައި އިސްލާމް ދީނުގެ އަސާސްތައް ނެގެހެއްޓުމަށްޓަކައި އެބިލުގެ މުހިންމު ކަމަށް ވިސްނަވައި، ހުރިހާ މެންބަރުންވެސް ތާއީދުކޮށްދެއްވުމަށް ހިސާން ވަނީ އެދިވަޑައިގެންފައެވެ.