ޚަބަރު
ޤާނޫނުލް އުޤޫބާތަށް ބޮޑު އިސްލާހެއް “އެނޫންވެސް ގޮތަކަށް” އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ ޖިނާއީ ބޮޑު ކުށެއް!

އިސްލާމްދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ އަމަލަކުން، އަދި އެއްވެސް ވަސީލަތެއް މެދުވެރިކޮށް އިސްލާމްދީނަށް ފުރައްސާރަކުރުން އެއީ ޖިނާއީ ކުށަކަށް ހެދުން ތަފްސީލު ކުރުމަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެންނަން ބިލު ހުށަހަޅައި ބަހުސް ފަށައިފިއެވެ. މި ބިލް ސަރުކާރުގެ ފަރާތުން މަޖިލިސް އަށް ހުށައެޅުއްވީ މެމްބަރު ހިސާން ހުސެއިން އެވެ.

ގާނޫނުލް އުގޫބާތަށް އިތުރު އިސްލާހެއް ހިސާން ހުށަހަޅުއްވާފައި މިވަނީ، މުސްލިމަކާ ދިމާލަށް އާންމު ތަނެއްގައި ކާފަރެކޭ ބުނުން (ލާދީނީ ކިޔުން) އެއީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ހުށަހެޅުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒު ވެފައި ވަނިކޮށެވެ.

މި އިސްލާހަކީ އެ މާއްދާގައި އޮންނަ ގޮތާ މާބޮޑު ތަފާތެއް ހިމެނޭ އިސްލާހެއް ނޫނެވެ.

ގާނޫނުލް އުގޫބާތުގެ 617 ވަނަ މާއްދާގެ (ހ) ގެ އެކެއްގައި މިހާރު ބުނެފައި ވަނީ މުއާސަލާތީ ވަސީލަތެއް ބޭނުން ކޮށްގެން ނުވަތަ އާއްމުންގެ ކުރިމަތީގައި، އިސްލާމްދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑު ކިޔައި، ދީނީ ތަގުރީރު ކުރުމަކީ ކުށެއް ކަމަށެވެ.

އިސްލާމް ދީނާ އިދިކޮޅު އަމަލުތައް އިތުރަށް ތަފުސީލުކުރުމަށް މި އިސްލާހު ހުށަހަޅުއްވާފައި ވަނީ ގާނޫނުލް އުގޫބާތުގެ 617 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގެ ފަހަތަށް އަކުރެއް އިތުރު ކުރުމަށެވެ.

މި ބިލު ހުށަހަޅުއްވަމުން ހިސާން ވިދާޅުވީ، މިއީ މިހާރަށް ވަރަށް މުހިއްމު ބިލެއް ކަމަށެވެ. ރާއްޖޭގެ އިސްލާމީ ވެށި ހިމާޔަތް ކުރުމާއި، އިސްލާމީ އަގު ކުރުންތައް މަތިވެރި ކުރުމަށް ޓަކައި މި ބިލު މުހިއްމު ދައުރެއް އަދާކުރާ ކަމަށްވެސް ވިދާޅުވިއެވެ. އަޅުގަނޑުމުގެ މުޖުތަމައުގައި މަދުން ނަމަވެސް އިސްލާމްދީނަށް ކުޑައިމީސް ވާ ގޮތަށް ވާހަކަ ދެއްކުމާއި، ދީނީ ޝިއާރުތަކާއި ބައެއް ކަހަލަ ތަސައްވުރުތަކަށް އިހާނެތިކޮށް ވާހަކަ ދައްކަމުންދާ ކަމަށްވެސް ހިސާން ވިދާޅުވިއެވެ.

ހިސާން ހުށަހަޅުއްވާފައިވާ އިސްލާހުގައި ހަމަ އެކަނި ތަފާތު ވަނީ “އެނޫންވެސް ގޮތަކަށް” މި ޖުމުލަ އެކަންޏެވެ.