ސޮސައިޓީ ފޯ ފިޔޯރީ ޔޫތް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް ( ސްފައިސް ) އިން އިންތިޒާމްކޮށްގެން، “ދުޅަހެޔޮކަމަށް ކަސްރަތު” ނަމުގައި ކަސްރަތު ޕްރޮގްރާމެއް، 01 ސެޕްޓެމްބަރ 2021ން 30 ސެޕްޓެމްބަރ 2021 ގެ ނިޔަލަށް ފިޔޯރީގައި ކުރިއަށް ގެންދިއުމަށްޓަކައި، ނަންނޯޓް ކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ފިޔޯރީ ސިއްޙީ މަރުކަޒާއި، ފިޔޯރީ ޕްލިސްޓޭޝަނާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކަސްރަތު ޕްރޮގަރާމަކީ ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމުގެ މުހިންމުކަމާއި، ދުޅަހެޔޮ ސިއްޙަތަކަށްޓަކައި ކަސްރަތުގެ މުހިންމުކަން އަންގައިދީ، އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމަށާއި، މުޖުތަމަޢުގެ އެއްބައިވަންތަކަން އިތުރުކޮށް އެކުގައި މަސައްކަތް ކުރުމުގެ ރޫޙް އާލާކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މާދަމާގެ ނިޔަލަށް ނަން ނޯޓް ކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާ މި ޕްރޮގްރާމްގައި 16 އަހަރުން މަތީގެ ދެ ޖިންސުގެ މީހުންނަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހެއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކަމުގެ ތަޖުރިބާ ހުރި އިންސްޓްރަކްޓަރުންގެ އެހީތެރިކަމާއި އެކުގައެވެ.
ސްފައިސް ޖަމްއިއްޔާ އަކީ މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގައި މިއަހަރު ރެޖިސްޓްރީ ކުރެވިގެން ހިންގަމުން އަންނަ ޖަމްއިއްޔާއެކެވެ. މި ޖަމްއިއްޔާ އުފެދުނު ފަހުން، ޖަމްއިއްޔާއިން އަންނަނީ ފިޔޯރީގެ ތަރައްޤީއާއި ކުރިއެރުމަށް ތަފާތު ގިނަ ހަރަކާތްތަކެއް ރާވާ ހިންގަމުންނެވެ.