ޚަބަރު
އެވިޑް ކޮލެޖުން އާ ފެކަލްޓީއެއް އުފައްދާ ޑީން އަކަށް އަޝްރަފް!

އެވިޑް ކޮލެޖުގައި ފުރަތަމަ ފަހަރަށް އާރޓްސް އެންޑް ލިޓްރޭޗަރގެ ނަމުގައި އަލަށް ފެކަލްޓީއެއް އުފައްދަވައި އެފަކަލްޓީގެ ޑީން އަކަށް ދިވެހިބަހުގެ އެކަޑަމީގެ ކުރީގެ ރައީސް އަޝްރަފް ޢަލީ ހަމަޖައްސަވައިފިއެވެ.

އަޝްރަފް އަލީ އަށް ޑީން ކަމުގެ ލިޔުން ހަވާލުކުރެއްވީ މިއަދު ހެނދުނު، އެކަމަށްޓަކައި އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަހުގައި ބޭއްވެވި ރަސްމިއްޔާތުގައެވެ.

އެވިޑް ކޮލެޖުން ވަނީ އައްޑޫގައި ހިންގަމުން އައި ފްލައިންގް ސްކޫލް އެ ކޮލެޖުގެ މިލްކިއްޔާތު ދަށަށް ގެނެސް، އެވިޑް ސްކޫލް އޮފް އޭވިއޭޝަންގެ ނަމުގައި ހިންގަން ފަށާފައިއެވެ. ނިމިދިޔަ ޖުލައި މަހުގައި އެކޮލެޖުންވަނީ އެވިޑް ސްކޫލް އޮފް އޭވިއޭޝަންސްގެ ޑީންގެ މަގާމު އުފައްދައި އެ މަގާމަށްވެސް ބޭފުޅަކު އައްޔަންކުރައްވައިފަ އެވެ.

2004ވަނަ އަހަރު އެވިޑް މޯބައިލް ޓްރޭނިންގެ ނަމުގައި ފެށިގެން އައިނަމަވެސް ޚިދުމަތްތައް އިތުރަށް ފުޅާކޮށް އެވިޑް ކޮލެޖަކަށް ބަދަލުކޮށްފައިވަނީ 2005ވަނަ އަހަރުގައެވެ. މިހާރު އެކޮލެޖަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ފެންވަރުގައި ތަޢުލީމު ފޯރުކޮށްދޭ އިންސްޓިޓިއުޝަނެކެވެ. މާލޭގެ އިތުރުން އެކޮލެޖުގެ ކެމްޕަހެއްވަނީ މިދިޔަ 2020ވަނަ އަހަރުގެ ތެރޭގައި ގދ.ތިނަދޫގައި ހުޅުވާފައެވެ.

 

Comment