ގއ.ވިލިނގިލީގައި ފުރަތަމަ ފަހަރަށް އިންޓަރ އޮފީސް ބަށި މުބާރާތެއް ބާއްވަން ތައްޔާރު ވެއްޖެއެވެ.
ވިލިނގިލީ ގައި ހުންނަ ކޮމިއުނިޓީ ސެންޓަރު އިންތިޒާމް ކޮށްގެން އަންނަ މަހު 9 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރ އޮފީސް މުބާރާތް އިޢުލާނު ކުރީ މި މަހުގެ 18 ވަނަ ދުވަހުއެވެ.
ވިލިނގިލީ ހުންނަ އޮފީސް ތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތާ ބެހޭ ގޮތުން “ހުވަދޫ ނިއުސް” އަށް މައުލޫމާތު ދެއްވަމުން ވިލިނގިލި ކޮމިއުނިޓީ ސެންޓަރު ގެ އެޑްމިނިސްޓްރޭޓިވް އޮފީސަރ ޝަޒްމާ ހިލްމީ ވިދާޅުވީ މުބާރާތެއް ނުބޭއްވި ގިނަ ދުވަސް ތަކެއް ވެފައިވުމުން މި މުބާރާތަށް ހުރިހާ ފަރާތްތަކުން ވެސް ބައިވެރި ވުމަށް ޝައުގުވެރިކަން ފާޅުކޮއްފައިވާ ކަމަށާއި، މިހާތަނަށް 7 ޓީމު ނަގައި ޕްރެކްޓިސް ކުރިޔަށް ގެންދާ ކަމަށެވެ.
އިތުރަށް މައުލޫމާތު ދެއްވަމުން ޝަޒްމާ ވިދާޅުވީ މުބާރާތުގައި 18 އަހަރާއި 65 އަހަރުގެ ކަނބަލުން ބައިވެރިވެވޭނެ ކަމަށާއި އާންމުން ބައިވެރިވި ނަމަވެސް އެ އޮފީހެއްގެ 3 މުވައްޒަފުން އަބަދުވެސް ކުޅުމުގެ ތެރެއިން ފެންނަން ޖެހޭ ކަމަށެވެ.
ކޮމިއުނިޓީ ސެންޓަރުގެ ދަނޑުގައި ކުރިޔަށް ގެންދާ އޮފީސް ތަކުގެ ބަށި މުބާރާތުގައި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީ އިން ބައިވެރިވަނީ ކައުންސިލްގެ 2 ވަނަ ޓީމެއްގެ ގޮތުގައެވެ.
މުބާރާތުގެ ޕްރެކްޓިސް ތައް އެކި އެކި މައްއްސަސާ ތަކުން ކުރިޔަށް ގެންދާއިރު އަދި އެއްވެސް ޓީމެއްގެ ލިސްޓް ފޮނުވާފައި ނުވާ ކަމަށް ވިލިނގިލީ ކޮމިއުނިޓީ ސެންޓަރުން ވިދާޅުވިއެވެ. ނަމަވެސް 7 ޓީމު ބައިވެރި ވާނެ ކަމަށް ޔަޤީން ކުރެވޭ ކަމަށް އެފަރާތުން ވިދާޅުވެއެވެ